ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުވައިފިއެވެ.
މި ޔުނިޓް ހުޅުވާފައި ވަނީ ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގެ ބައެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން މައުލޫމާތު ދިން ގޮތުގައި، ކުރިން ކޮވިޑް ބަލި މީހުންނަށް ހިދުމަތް ދިނުމަށް ބޭނުންކުރި މި އިމާރާތް ދެން ބޭނުންކުރާނީ ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓްގެ ގޮތުގައެވެ. މިފަދަ އައު ޔުނިޓެއް ގާއިމްކުރަން ޖެހުނީ، މާލޭ ޖަލާ އިންވެގެން ސްކޫލްތަކެއް ހުރުމުގެ ސަބަބުން 6 ޖަނަވަރީ 2024 ގައި އެ ޖަލު ބަންދުކުރުމާ ގުޅިގެން ގައިދީން ބައިތިއްބާނެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމުންނެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މާލޭ ޖަލު ބަންދުކުރުމުން ދިމާވި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޔުނިޓް 6 ތަރައްގީ ކުރަނީ ޖުމްލަ 5 ގޮޅީގެ މައްޗަށް ކަމަށާއި، މި މަސައްކަތް އެއްކޮށް ނިމުމުން 140 ގައިދީންގެ ޖާގަ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޅި މަޝްރޫއު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
ހުޅުމާލެ ޖަލުގެ ޔުނިޓް 6 އަކީ 5 ގޮޅީގެ މައްޗަށް އެކުލެވޭ ޔުނިޓެއް. މީގެ ތެރެއިން 16 މީހުންގެ ޖާގައިގެ އެއް ގޮޅީގެ މަސައްކަތް ނިމި މިހާރު ވަނީ ބޭނުންކުރަން ފަށާފައި. ބާކީ ހުރި 4 ގޮޅި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ. މި ޔުނިޓްގައި ޖުމްލަ 56 މީހުންގެ ޖާގަ ހުންނާނެ،
މި އައު ޔުނިޓްގެ ގޮޅިތައް ތަރައްގީކޮށްފައި ވަނީ ޒަމާނީ ފެންވަރަށެވެ. އެގޮތުން ބަންކު ބެޑުތަކުގެ އިތުރުން، އޭސީ އާއި ފަންކާވެސް ވަނީ ހަރުކޮށްފައެވެ. އަދި ގައިދީންގެ ބޭނުންތަކަށް ހާއްސަކޮށް މެސް ރޫމަކާއި، ނަމާދުކުރާ ކޮޓަރިއެއްގެ އިތުރުން ލޯންޑްރީއެއް ވެސް މި ޔުނިޓުގައި ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިތަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތުގައި ކަރެކްޝަންސްގެ މުވައްޒަފުންގެ އިތުރުން ޖަލުގައި ތިބި މަސައްކަތްތެރި ގައިދީންވެސް ވަނީ ބައިވެރިވެފައެވެ.
ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ޖަލުތަކުގެ ކެޕޭސިޓީއަށް ޖުމްލަ 400 ޖާގަ ވަނީ އިތުރުކޮށްފައެވެ.