ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމަންޓުގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
މާލޭގެ އުތުރުން ބޮޑު ތަކުރުފާނުމަގުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
މާލޭގެ އުތުރު ފަރާތަކީ ސަރުކާރުގެ އޮފީސްތަކާއި، ބޭންކުތަކުގެ އިތުރުން މާލޭގެ މައި ބާޒާރު ހިމެނޭހެން އެންމެ ގިނަ ބަޔަކު އެއްވެ އުޅޭ އެއް ސަރަޙައްދެވެ. މާލެއަށް އަރާފައިބާ މީހުންނާއި ވިޔަފާރިވެރިންގެ ބާރުބޮޑު މި ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީން ކުރިއަށްގެންދަނީ އާންމުންނަށް ލިބޭ އުނދަގޫތައް ކުޑަކުރުމަށްޓަކައި އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
މި ސަރަޙައްދަކީ ކާރޫބާރޫ ބޮޑު ތަނަކަށްވުމާއެކު، އުޅަނދުތައް ޕާކުކުރާނެ ރަނގަޅު އިންތިޒާމެއް އޮތުމަކީ މަޝްރޫޢުގެ މުހިންމު ބައެކެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ، ބޭންކް އޮފް ސިލޯން ކުރިމަތީގައި އޮންނަ 1،400 އަކަފޫޓުގެ ސަރަޙައްދުގައި ސައިކަލް ޕާކުކުރުމަށް ޚާއްޞަ 588 ސްލޮޓް ތަރައްޤީކުރަމުންދާ ކަމަށެވެ.
މަގުގެ ޖާގަ ފުޅާކުރުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ފެހި މަގަކަށް ހެދުމަށްވެސް މިފަހަރު ވަނީ އިސްކަންދީފައެވެ. ޝަރުވަޒް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސެގްމަންޓުތަކުން ލިބުނު ތަޖުރިބާއަށް ބަލައި، މަގު ހެދުމަށް ނަގާ ގަސްތައް އަލުން އިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރުވެސް ނަސަންދުރާ ކުރިމަތީގައާއި އެފްއެސްއެމް އޮފީސް ހުންނަ ސަރަޙައްދުގައި ގަސްތައް ވަނީ އަލުން އިންދާފައެވެ.
މުޅި މަޝްރޫޢުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ގާތްވެފައެވެ. އެމްޓީސީސީގެ އަމާޒަކީ މިހާރު ކުރިއަށްދާ ހުރިހާ ސެގްމަންޓުތަކެއްގެ މަސައްކަތް ނިންމައި، އަންނަ ޖޫން މަހުގެ ނިޔަލަށް މަގު އެއްކޮށް ހުޅުވާލުމެވެ. މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކައިގެން ކުރިއަށްގެންދާ ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 838 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ. މިއީ ޖުމްލަ 144 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.