ބޭހުގެ މައްސަލައަށް ދެމަސްތެރޭ ރަނގަޅު ހައްލެއް ގެނެވޭނެ: ރައީސް

Screenshot 2026-05-24 at 13.48.35

ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ބޭހުގެ މައްސަލައަށް ރަނގަޅު ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ޕާމަސޫޓިކަލްގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދާފައެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭސް ލިބުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އަލަށް އުފެއްދި ބޭސް ކުންފުނިން މިހާރު ދަނީ އެކި މަސައްކަތްތައް އެއް ވަގުތެއްގައި ކުރިއަށް ގެންދަމުންނެވެ. ޚާއްޞަކޮށް، ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ބަލިމީހުންނަށް އެއްވެސް މެދުކެނޑުމެއް ނެތި ބޭސް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

ވަރަށް ބޮޑު ބަދަލެއް ފެނިގެންދާނެ. މިކަމަށް ޚާއްޞަކޮށް އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކޮށްފި. އިރާދަކުރެއްވިއްޔާ ޖޫން ނުވަތަ ޖުލައި މަހާ ހަމައަށް ދާއިރު ބޭހުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެ،

ބޭހާއި، މެޑިކަލް އިކުއިޕްމަންޓް އަދި ސިއްހީ އާލާތްތައް ގަނޑުކޮށް ރާއްޖެ އެތެރެކުރުމަށް "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ހައްލެއް ގެނައުމަށް އުފެއްދި މި ކުންފުނީގެ ދަށަށް، އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ހުރިހާ ފާމަސީއެއް ބަދަލުކުރުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ފާމަސީއެއްގައި ހުރި ބޭހުގެ މިންވަރު ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މިހާރުވެސް އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައި، ހޮސްޕިޓަލަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ފާމަސީތަކުން ނުލިބޭ ބޭސްތައް ރާއްޖެއިން ބޭރުން ގެނެސްދިނުމުގެ ޚިދުމަތް ފަސޭހަކުރުމަށްޓަކައި '1505' ނަމްބަރުގެ ހޮޓްލައިނެއް ވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ބޭނުންވާ ބޭހަކަށް އޯޑަރު ދެވޭނެ ގޮތް ހެދުމަށްޓަކައި "ސްޓޭޓް ފާމާ ޕޯޓަލް" އިފްތިތާހުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ