ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހާ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މާލޭގެ ހުރިހާ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް ހަދަން މިނިސްޓްރީން އެއްވެސް އިރެއްގައި އަންގާފައި ނުވާނެ ކަމަށެވެ. މިފަދަ ވާހަކަތަކެއް ފެތުރެން ފެށީ ބައެއް މިސްކިތްތަކުގެ އަޑު މަޑުކުރުމަށް މިނިސްޓްރީން ދިން އިރުޝާދުތަކަކާ ގުޅިގެން ކަމަށް ބެލެވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މާލެ ސަރަހައްދުގައި ބައެއް މިސްކިތްތައް ހުންނަނީ ވަރަށް ކައިރިކައިރީގައި ކަމަށެވެ. ބައެއް މިސްކިތްތަކުން ނަމާދު ގަޑީގައި ބޭރަށް އަޑު އިވޭ ގޮތަށް ބަހައްޓާފައި ހުންނަ އަޑުގަދަކުރާތަކުގެ އަޑު މާ ބާރުވުމުގެ ސަބަބުން، ޖެހިގެން ހުންނަ މިސްކިތުގެ ޖަމާއަތަށް ދަތިވާކަމުގެ ޝަކުވާ ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީން އަންގަނީ އެފަދަ ހާލަތްތަކުގައި ޖެހިގެން ހުންނަ މިސްކިތުގެ ޖަމާއަތަށް އުނދަގޫ ނުވާނެ މިންވަރަށް އަޑު މަޑުކުރަން ކަމަށް ޝަހީމް ވިދާޅުވިއެވެ. މިއީ ނަމާދު ކުރާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި، މުޅި މާލޭގެ ހުރިހާ މިސްކިތަކުން ބޭރަށް އަޑު ކަނޑާލުމުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށް މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.