އީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުހެލިވުމަށް އިލްމުވެރިން އިލްތިމާސްކުރައްވައިފި

ހުޅުމާލޭގައި އީދު ފާހަގަ ކުރުމަށް ދިއްލާލާފައި. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި އީދު ފާހަގަ ކުރުމަށް ދިއްލާލާފައި. ފޮޓޯ: އެޗްޑީސީ

އީދުގެ އުފާ ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުހެލިވެ، އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރޭގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންގެ ޖަމްއިއްޔާއެއް ކަމަށްވާ "އިލްމުވެރިންގެ ގުޅުން" އިން އިލްތިމާސްކޮށްފިއެވެ.

އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުސްލިމުންނަށް ދެއްވާފައިވާ އީދުތަކަކީ މަތިވެރި އަޅުކަންތަކަކަށް ފަހު، އެކަމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން ދެއްވާފައިވާ ނިއުމަތެއް ކަމަށެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގޭ ގޮތުގައި، އީދުގެ އުފާ ފާހަގަކުރުމަކީ މާތް ﷲ ގެ މަތިވެރިކަން ހަނދުމަކޮށް، ތަކުބީރު ކިޔައި، އެކަލާނގެއަށް ޝުކުރުވެރިވުމާ ގުޅިފައިވާ ކަމެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީދު ފާހަގަކުރުމުގެ ނަމުގައި ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކުން ބޭރުވެ، އަންހެނުންނާއި ފިރިހެނުން މަސްހުނިވުމާއި، ފާހިޝް ކަންތައްތަކަށް މަގުފަހިވާ ފަދަ މުންކަރާތްތަކަށް އަރައިގަތުމަކީ އީދުގެ ހުރުމަތް ކަނޑާލުން ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. މިފަދަ އަމަލުތަކަކީ މާތް ﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެ ނުރައްކާތެރި ކަންކަން ކަމަށާއި، އެއީ ލިބިފައިވާ ހިދާޔަތުގެ ނިއުމަތަށް ކުފުރުވެރިވުން ކަމުގައިވެސް ބަޔާނުގައިވެއެވެ.

"ކުޅިވަރުގެ ފޯރީގައި ޖެހި، އިސްލާމްދީނުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައިވާ ފަރުޟު ފަސް ނަމާދަށް ފަރުވާކުޑަކުރުމާއި، ނަމާދު ވަގުތުން ފަސްކުރުމުގެ ނުބައި ފާފައިން ދުރުހެލިވުމަށް އިލްތިމާސްކުރަން." - އިލްމުވެރިންގެ ގުޅުން

ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަމިއްލަ ޖަމްއިއްޔާތަކުން އީދު ހަރަކާތްތައް ރާވާއިރު، އެ ކަންކަން ދީނީ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ބެލެނިވެރިންވެސް އެބޭފުޅުންގެ ދަރިން ބައިވެރިވާ ހަރަކާތްތަކަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާ ކަންކަންތޯ ބަލައި ފާރަވެރިވުމަށް އިލްމުވެރިން އިލްތިމާސްކުރައްވައެވެ.

އިލްމުވެރިންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އީދަކީ ހަމައެކަނި ކުޅިވަރާއި މަޖާ ކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، ހަދިޔާ ބަދަލުކުރުމާއި، މުސްލިމުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުން ފަދަ ހެޔޮ ކަންކަން ދިރުވަންވީ ދުވަސްތަކެއް ކަމަށްވެސް އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

ރާއްޖޭގައި އާދަކާދައިގެ ގޮތުން އީދުގައި މިއުޒިކާއި ނެށުން ފަދަ ހަރަކާތްތައް ބޭއްވުމަކީ އާންމު ކަމަކަށް ވީނަމަވެސް، މިފަދަ ކަންކަމުގައި ދީނީ ހުދޫދުތަކަށް ސަމާލުވުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް ކަމަށް އިލްމުވެރިން ހަނދާންކޮށްދެއްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ