މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ދިވެހި ޙައްޖާޖީން، ޙައްޖުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ގޮތުން މިރޭ މިނާއަށް ދަތުރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދިވެހި ޙައްޖާޖީން މިނާއަށް ދަތުރު ފަށާނީ މައްކާގެ ގަޑިން މިރޭ 9:30 ހާއިރު ކަމަށެވެ.
މިނާއަށް ކުރާ މި ދަތުރަކީ ޙައްޖުގެ މަތިވެރި އަޅުކަމުގެ ފެށުމެވެ. މިނާގައި މަޑުކުރުމަށްފަހު، ޙައްޖާޖީން ދެން ދަތުރުކުރާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ދުވަހުގެ އަޅުކަމަށް ޢަރަފާތް ބިމަށެވެ. މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، ދިވެހި ޙައްޖާޖީން ޢަރަފާތަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގައެވެ. މި ދަތުރުތަކަކީ ޙައްޖުގެ އެންމެ ބުރަ، ނަމަވެސް އެންމެ މުހިންމު މަރުޙަލާތަކެވެ.
މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި ތާރީޚުގައިވެސް ޙައްޖާޖީންނަށް މިހާތަނަށް ފޯރުކޮށްދޭ އެންމެ ފުރިހަމަ އަދި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް މިއަހަރު ފޯރުކޮށްދެވެމުންދާ ކަމަށެވެ. މިގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖާޖީންނަށް ބޭނުންވާ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ޙާޖީންނަށް ތައުފީޤު ދެއްވާށި. އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހިއްވަރާއި ޢަޒުމާއި ހެޔޮ ސިއްހަތު ދެއްވާށި" - މިނިސްޓަރ ޝަހީމް
ޙައްޖާޖީން މިނާ އަދި ޢަރަފާތުގައި ތިބޭއިރު ބޭނުންވާނެ އިންތިޒާމުތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، އެ ދެ ސަރަޙައްދުގައިވެސް ދިވެހި ޙައްޖާޖީންނަށް ބޭނުންވާ ކަންކަން ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ޙައްޖު މިޝަނުން ޙައްޖާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ޙައްޖާޖީންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
ރާއްޖޭގެ ޙައްޖު މިޝަނުން ދަނީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ދިވެހި ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްޞަކޮށް މިނާގެ ފޭލިގެތަކުގެ އިންތިޒާމުތަކާއި، ކެއިންބުއިމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް މިޝަނުން ދަނީ މޮނިޓަރ ކުރަމުންނެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ އެންމެހައި މީހުންނަކީވެސް ޙައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދިޔަ މީހުން ކަމަށްވާތީ، ހުރިހާ ޙައްޖާޖީންނަށްވެސް އެއް ފެންވަރެއްގެ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
މިނިސްޓަރ ޝަހީމް ވަނީ ޙައްޖާޖީންނަށް ހެޔޮ ދުޢާ ކުރައްވައި، މި މަތިވެރި އަޅުކަން ފުރިހަމައަށް އަދާކުރުމުގެ ތައުފީޤު ދެއްވުން އެދިވަޑައިގެންފައެވެ. ޙައްޖާޖީންގެ ދަތުރުގެ ކަންކަން ކުރިއަށްދާ ގޮތް ސަރުކާރުން ދަނީ ވަގުތުން ވަގުތަށް ބަލަމުންނެވެ.