ކޮންގޯގައި އިބޯލާ ފެތުރެމުންދާއިރު ސިއްހީ މަރުކަޒުތަކަށް ދޭ ހަމަލާތައް އިތުރުވެއްޖެ

މޮންގްބްވާލޫގައި އަންދާލާފައިވާ ސިއްހީ ފޭލިގެއެއްގެ ކައިރިއަށް އާންމުން އެއްވެފައި
މޮންގްބްވާލޫގައި އަންދާލާފައިވާ ސިއްހީ ފޭލިގެއެއްގެ ކައިރިއަށް އާންމުން އެއްވެފައި. ފޮޓޯ: އޭއެފްޕީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގެ އިރުމަތީ ސަރަހައްދުތަކުގައި އިބޯލާ ބަލި ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބައްޔަށް ފަރުވާދޭ ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވެ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދޭ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން ކޮންގޯގެ އިތުރުން އަވަށްޓެރި ޔުގެންޑާއަށް ވެސް ބަލި ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ރަމްޕާރާ ހެލްތު ސެންޓަރަށް އާންމުންގެ ބަޔަކު ވަދެގަނެ، އިބޯލާ ބަލީގައި މަރުވި މީހުންގެ ހަށިގަނޑުތައް ހަވާލުކުރުމަށް ގޮވާލައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ. އޭގެ އެއްދުވަސް ފަހުން، އިޓޫރީ ޕްރޮވިންސްގެ މޮންގްބްވާލޫގައި ހުންނަ ހޮސްޕިޓަލެއްގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ޖަހާފައި ހުރި ފޭލިގެއެއްގައި ވެސް ވަނީ ގަސްދުގައި އަލިފާން ރޯކޮށްލާފައެވެ. މި ހަމަލާތައް ދޭން ފަށާފައިވަނީ އިބޯލާ ޖެހިގެން މަރުވާ މީހުން ވަޅުލުމުގައި ސިއްހީ މާހިރުން ގެންގުޅޭ ހަރުކަށި އުސޫލުތަކާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ.

ސަގާފީ އާދަކާދަތަކާއި ސިއްހީ ރައްކާތެރިކަން

ކޮންގޯގެ އިރުމަތީ ސަރަހައްދުތަކުގެ ސަގާފަތް އޮންނަ ގޮތުން، މަރުވާ މީހުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ގޮތުން އާއިލާގެ މީހުން ހަށިގަނޑުގައި އަތްލައި، ގާތުން ވަދާއީ ސަލާމް ކުރެއެވެ. ނަމަވެސް އިބޯލާ އަކީ މަރުވެފައިވާ މީހާގެ ހަށިގަނޑުން ވެސް ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވާތީ، ސިއްހީ ޓީމުތަކުން އެކަން މަނާކުރެއެވެ. މީގެ ސަބަބުން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ސިއްހީ މަސައްކަތްތެރިންނާ މެދު އިތުބާރު ކުޑަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް އާންމުން ތުހުމަތު ކުރާ ގޮތުގައި އިބޯލާ އަކީ ބަޔަކު ފައިދާ ހޯދުމަށް ހިންގާ "ވިޔަފާރިއެއް" ކަމަށާއި، މަރުވާ މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުނުކުރަނީ ގުނަވަންތައް ވަގަށް ނެގުމަށް ކަމަށް ބުނެ ދޮގު ޚަބަރުތައް ވެސް ދަނީ ފެތުރެމުންނެވެ. ކޮންގޯގެ ހެލްތު މިނިސްޓަރު ރޮޖާ ކަމްބާ ވިދާޅުވީ، މަރުވެފައިވާ މީހުންގެ ހަށިގަނޑަކީ ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު އެކައްޗަށް ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވަޅުލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބަލިމަޑުކަމުގެ މިހާރުގެ ހާލަތު

ކޮންގޯގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 800 އެއްހާ މީހުންނަށް ބަލި ޖެހިފައިވާއިރު، 180 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އިޓޫރީ ސަރަހައްދުގައި އާންމު އެއްވުންތައް ބޭއްވުމާއި، މަރުވާ މީހުން އެއް ރަށުން އަނެއް ރަށަށް ގެންދިއުން ވަނީ މަނާކޮށްފައެވެ.

ބައިނަލްއަގުވާމީ އެހީތެރިކަން މަދުވަމުންދާ މި ދަނޑިވަޅުގައި، ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގެ ބޮޑު ބައެއް ހޭދަކުރަނީ ކޮންގޯ ސަރުކާރުގެ ބަޖެޓުންނެވެ. ނަމަވެސް ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އެހީދޭ ޖަމިއްޔާތަކުން ބުނެއެވެ. މި ހާލަތާ ގުޅިގެން އެފްރިކާގެ 10 ގައުމެއް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ. އޭގެ ތެރޭގައި ދެކުނު ސޫދާން، ރުވާންޑާ، ކެންޔާ އަދި ޓެންޒޭނިއާ ހިމެނެއެވެ.

ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި، ސިއްހީ މަރުކަޒުތަކަށް ހަމަލާދީ ބަލިމީހުން ފިލައިގެން ދާނަމަ، ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓި މުޅި ސަރަހައްދަށް ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ