ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4121 މީހުންނަށް

Screenshot 2026-05-25 at 15.00.03

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4،121 މީހުންނަށް ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ޢަބްދުﷲ ޞާދިޤުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު އޮތް މީހުންގެ ދަފްތަރު މިހާރު އާންމުކޮށްފައެވެ.

ކޮމިޝަނުން ބަޔާންކުރި ގޮތުގައި، ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން 2 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައެވެ. އައްޑޫ ސިޓީގައި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ހިތަދޫ ސްކޫލުގައެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިނެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ގޮނޑިއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ކޯޓުން ކަނޑައަޅައި، އެ ދަރަނި ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީއެވެ. ސުޕްރީމް ކޯޓަށް ހުށަހެޅުނު އެ މައްސަލައިގައި އެ ކޯޓުން ކުރި ޙުކުމާއެކު ސިނާންގެ މެންބަރުކަމުގެ ގޮނޑި ވަނީ ގެއްލިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ