ފުޓުބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވެ، އަންނަން އޮތް ޖީލުތަކަށް ދޭ ހިތްވަރަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަޞީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ރައީސް ވިދާޅުވީ، ފުޓުބޯޅައަކީ މުޅި ދުނިޔެ އެއްބައިވަންތަކޮށް، ގުޅުންތައް ބަދަހިކޮށްދޭ ބާރުގަދަ ކުޅިވަރެއް ކަމަށެވެ. މި ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންނަށް އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ކުޅިވަރުގެ ފަންނު އާލާކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެއެވެ.
ޚާއްޞަކޮށް، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓުބޯޅަ ދަނޑުތައް ބިނާކުރުމާއި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން، ކުޅިވަރުގެ ގާނޫނަށް ގެނައި އިސްލާހާއެކު މި ދާއިރާ ލާމަރުކަޒު ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ މިކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިއަށް ދިއުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރު ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ދަށުން، މީގެ ކުރިން މާލޭގެ ކުލަބުތަކަށް އެކަނި އޮތް ފުރުސަތުތައް މިހާރު ވަނީ މުޅި ރާއްޖެއަށް ހުޅުވާލެވިފައެވެ. އެގޮތުން، ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި، އަތޮޅުތެރޭގެ ރަށްތައް ތަމްސީލުކުރާ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު، އެފްއޭއެމްގެ އައު މެނޭޖްމަންޓާއި ސަރުކާރު ގުޅިގެން މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 25 ވަނަ ދުވަހު ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރަނީ، ސުލްހައާއި އެކުވެރިކަން ކުރިއަރުވައި، އެކި ގައުމުތަކުގެ ސަގާފަތްތަކަށް ކުރާ އިހުތިރާމް ބޮޑުކުރުމުގައި ފުޓުބޯޅަ އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.