އުރުދުންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އުރުދުންގެ އާ ސަފީރު ރައީސް މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ތެރެއިން
އުރުދުންގެ އާ ސަފީރު ރައީސް މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ތެރެއިނ. ފޮޓޯ: ރައީސް އޮފީސް

އުރުދުންގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ގައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނައަށާއި، ބޮޑުވަޒީރު ޖައުފަރު ޙައްސާނުގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ދަންނަވާފައެވެ. ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމަކީ އިސްލާމީ އަގީދާއާއި އެއްގޮތް އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގާތް ރަހުމަތްތެރިކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ވަރުގަދަވެ، ބައިނަލްއަގުވާމީ މައިދާނުގައާއި ދޭދޭ ގުޅުންތަކުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ގުޅުމަކީ ދެ ގައުމުގެ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އުރުދުންގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1946 ވަނަ އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހެވެ. އެއީ އެ ގައުމަށް ފުރިހަމަ މިނިވަންކަން ލިބި، ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އުފެދުނު ތާރީޚެވެ. ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 25 މާރިޗު 1981 ގައެވެ. އޭގެ ފަހުން ފާއިތުވި 40 އަށްވުރެ ގިނަ އަހަރުގެ ތެރޭގައި ދެ ގައުމުން ވަނީ އެކި ދާއިރާތަކުން އެއްބާރުލުން ދީފައެވެ.

މިފަދަ މުނާސަބަތުތަކުގައި ދުނިޔޭގެ އިސްލާމީ ގައުމުތަކާއެކު އޮންނަ ގުޅުން އާލާކޮށް، އެކުވެރިކަން ބަދަހިކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އުރުދުންއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާ އަބަދުވެސް ގާތް އަދި އެއްބާރުލުންދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ