ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި، ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް: ރައީސް

Screenshot 2026-05-26 at 13.27.47

ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ހެޔޮ ދަރުމައާއި ސަވާބު ދެއްވުން އެދި ދުޢާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ މެސެޖެއް ހިއްސާކުރައްވާފައެވެ. ތަލްބިޔާގެ މާތް ކަލިމަތަކުން ފެއްޓެވި މި މެސެޖުގައި، އެމަނިކުފާނު ވަނީ މިއީ އިލާހީ ރަޙްމަތާއި ފުއްސެވުން އޮހޭ މަތިވެރި ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މުނާސަބަތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ދިވެހި ހުރިހާ ޙައްޖާޖީންނަށް "މަބްރޫރު ޙައްޖު" އަކަށް އެދިވަޑައިގަތުމުގެ އިތުރުން، މުޅި އިސްލާމީ އުންމަތަށް މި ދުވަހުގެ ބަރަކާތާއި އަޖުރު ދެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި ހުރިހާ ޙާޖީންގެ ޙާލު ވެސް ވަރަށް ރަނގަޅަށެވެ.

މުޅި އިސްލާމީ އުންމަތް މިއަދު ފާހަގަކުރަމުންދާ ޢަރަފާތް ދުވަހަކީ، މާތް ﷲ އެކަލާނގެ އަޅުތަކުންނާ މެދު އެންމެ ބޮޑަށް ފަޚުރުވެރިވެ ވޮޑިގަންނަވާ، އަދި އެންމެ ގިނަ ބަޔަކު ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. މިލިއަނުން މުސްލިމުން ޢަރަފާތް ބިމަށް ޖަމާވެ ތިބޭ މިއަދަކީ، ތަފާތުކުރުމެއް ނެތި މުސްލިމުންގެ މެދުގައި އޮތް ހަމަހަމަކަން ދުނިޔެއަށް ދައްކުވައިދޭ މަތިވެރި ދުވަހެކެވެ.

އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖަކީ، ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ، މާތް ﷲ އާ ކުއްތަންވުމަށް އަދާކުރެވޭ އެންމެ މަތިވެރި އެއް އަޅުކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ