ރާއްޖޭގެ އެކި ހިސާބުތަކުގައި އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އަދިވެސް ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ދަތުރުފަތުރުކޮށް، އެއްވުންތައް ބާއްވާ ދުވަސްވަރަކަށް ވާތީ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން އެ އެޖެންސީން ފާހަގަކުރެއެވެ.
އިންފުލުއެންޒާ އާއި އާދައިގެ ރޯގާގެ ތަފާތު
އެޗްޕީއޭއިން ބުނި ގޮތުގައި އާދައިގެ ރޯގާ އާއި އިންފުލުއެންޒާގެ އަލާމާތްތައް އެއްގޮތް ނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެކެވެ. މީގެ ތެރެއިން އިންފުލުއެންޒާ ޖެހުމުން ހަށިގަނޑަށް ކުރާ އަސަރު ބޮޑުވެފައި، ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު އޮވެއެވެ. ހާއްސަކޮށް ފަސް އަހަރުން ދަށުގެ ކުދިންނާއި، އޭގެ ތެރެއިން ވެސް ދެ އަހަރުން ދަށުގެ ކުދިންނަށް މި ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް
ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ގޭގައި މަޑުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބަސް ޓާމިނަލްތަކާއި އެއާޕޯޓު ފަދަ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ފަރާތުން ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެނޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް:
- ހަ ގަޑިއިރަށް ވުރެ ގިނަ އިރު ކުޑަކަމު ނުދިއުން
- މާ ބޮޑަށް ވަރުދެރަވެ ވަރުބަލިވުން
- ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބުއިން
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް
ރޯގާގެ އިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް ސަމާލުވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމުގެ އިތުރުން ގޯތިތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސިއްހީ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކަށް ބަރޯސާވުމަށް ވެސް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.