ހިމަބިއްސަށް (މީސަލްސް) އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ ހަފުތާގައި މާލޭ ސަރަހައްދުން ފެނުނު ދެ ކޭސްއާއެކު، ރާއްޖެއިން މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ ނުވަޔަކަށް އަރާފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، މީގެ ތެރެއިން ހަ ކޭހަކީ ހަމައެކަނި މި ހިނގާ މެއި މަހުގެ ތެރޭގައި ފެނިފައިވާ ކޭސްތަކެވެ.
ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ފަސް ކޭހެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު، ބަލިޖެހުނު މީހުންނާ ބައްދަލުވި 128 މީހަކު ފާހަގަކުރެވި، އެ އެޖެންސީން ދަނީ އެމީހުންގެ ހާލަތު މޮނިޓާ ކުރަމުންނެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- ހުން އައުމާއެކު ކެއްސުން.
- ލޯ ރަތްވުން.
- ހަމުގައި ރަތް ބިހިތަކެއް ނެގުން.
އެޗްޕީއޭއިން ބުނީ ބިހިތައް ނެގުމުގެ ހަތަރު ދުވަސް ކުރިންނާއި ފަހުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. މިއީ ނޭވާލާ ނިޒާމުގެ ތެރެއިން، ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.
ބަލީގެ ކޭސްތައް އިތުރުވަމުންދާތީ، ހުމާއި ބިހި ނެގުމުގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އައިޖީއެމްއެޗްގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީގައި ވަނީ ޚާއްސަ 'ހެލްޕް ޑެސްކް' އެއް ގާއިމުކޮށްފައެވެ. މި ޑެސްކުން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.