މިއަދަކީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ އީދު ދުވަހެވެ. މިއަދުގެ އީދު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އީދުގެ އަދަބުތަކާއި، މި މަތިވެރި ދުވަހުގެ ހިކުމަތްތަކުގެ މައްޗަށެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ތޭރަވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައާއި، މަގުމަތީގައާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި އަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ތަޝްރީގު ދުވަސްތަކުގެ ތެރެއިން ތިންވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް، ކޮންމެ ފަރުޟު ނަމާދަކަށްފަހު ތަކުބީރު ކިޔުމަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
އީދު އަޟްޙާގެ އެންމެ މުހިންމު އެއް އަޅުކަމަކީ އުޟްޙިޔާ ކަތިލުމެވެ. މިއީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކޮށްދޭ ކަމެކެވެ. ޚުތުބާގައި ވިދާޅުވި ގޮތުގައި، މި ހާދިސާއިން ދަސްކޮށްދެނީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ މުހިންމުކަމެވެ. ކީރިތި ރަސޫލާވެސް އަމަލީގޮތުން އުޟްޙިޔާ ކަތިލެއްވިކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
އީދު ފާހަގަކުރުމުގެ ތެރޭގައި ސަމާލުކަން ދޭންޖެހޭ އަދަބުތަކަށް ބަލާއިރު، އީދަކީ ކެއުމާއި ބުއިމާއި، އުފާފާޅުކުރުމާއި ކުޅިވަރު ކުޅުމުގެ ދުވަސްތަކެއް ނަމަވެސް، އެކަންކަން ކުރަންވާނީ އިސްލާމީ އުސޫލުތަކުގެ ތެރެއިންނެވެ. އެގޮތުން މީހުންނަށް އުނދަގޫކުރުމާއި، މަލާމާތްކުރުމާއި، އަންހެނުން ފިރިހެނުންގެ ސިފަ ޖެހުމާއި، ފިރިހެނުން އަންހެނުންގެ ސިފަ ޖެހުމުގެ އިތުރުން، ކުޅިވަރުތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން މަސްހުނިވުމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެހެން ދީންތަކުގެ މީހުންގެ އާދަކާދަތަކާއި ރަސްމިއްޔާތުތައް ނަކަލު ނުކުރުމަށްވެސް ގޮވާލާފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ މުސްލިމުންނަށް އީދުގެ ތަހުނިޔާ ކިޔައި، އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ. ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލު ނައްތާލުމުގެ ހަނގުރާމަތަކާއި، ބަނޑުހައިހޫނުކަމާއި، ގެދޮރު ގެއްލުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް، އެމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ޚުތުބާ ނިންމާލަމުން ވަނީ، އީދުގެ އުފާ ފާޅުކުރާއިރު އާޚިރަތް ދުވަހުގެ މަތިން ހަނދާންކުރުމަށް ނަސޭހަތްތެރިވެފައެވެ. މަޙްޝަރު ބިމުގައި އެންމެން އެއްތަންވާނެ ދުވަހުގެ ބިރުވެރިކަމަށް ވިސްނައި، ހިތްތަކުގައިވާ ބޮޑާކަމާއި، ހަސަދަވެރިކަމާއި، ނުބައި ނިޔަތްތައް ފިލުވައިލުމަށް ގޮވާލާފައިވެއެވެ. އަދި އެކަކު އަނެކަކަށް މާފުކޮށް، ހިތްތައް ސާފުކުރުމަކީ ސުވަރުގެ ވަނުމަށް އޮތް މަގެއްކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.