ޝަހުޒާނާއި ލީވާން އެކަހެރި ކުރީ އެ ގޮޅިން ފޯނެއް ފެނިގެން، މައްސަލަ ތަހުގީގުކުރާނެ: އިހުސާން

Screenshot 2026-05-28 at 15.30.11

'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ވަކި ދެ ގޮޅިއަކަށް ލައި އެކަހެރި ކުރީ، އެ މީހުން ތިބި ގޮޅިން ފޯނެއް ފެނިގެން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިކަން ހާމަކުރެއްވީ، ޖަލުގައި 15 ދުވަހުގެ ހުކުމެއް ތަންފީޒުކުރުމަށް ފަހު އިއްޔެ ބަންދުން ދޫކޮށްލި ޝަހުޒާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވައެވެ. ޝަހުޒާންގެ ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު މިއަދު ވަނީ އެކްސްގައި ދިގު ޕޯސްޓެއް ކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ ކުރި ސުވާލެއްގެ މައްސަލައިގައި ކޯޓުން ނެރެފައި އޮތް 'ގެގް އޯޑަރާ' ޚިލާފުވެގެން ޖަލަށްލީ ޝަހުޒާން އޭނާގެ އިންޓަވިއުގައި ބުނެފައި ވަނީ، ލީވާންއާއެކު އެއް ގޮޅިއެއްގައި ހުއްޓާ އެ ދެމީހުން ވަކިކޮށް އެކަހެރި ކުރީ ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ކަރެކްޝަންސްގެ އޮފިސަރުން އޭނާ އޮތް ގޮޅި ފާސްކުރަމުން ދިޔަ ކަމަށް ވެސް ޝަހުޒާން ތުހުމަތުކުރިއެވެ.

ނަމަވެސް، އެ ވާހަކަތައް ދޮގުކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ "ޝަހުޒާން އެ ހަދަނީ ކަނޑައެޅިގެން 100 އިންސައްތަ ދޮގު" ކަމަށެވެ. އެގޮތުން ކަން ހިނގި ގޮތް ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:35 ގައި އެ ދެ ނޫސްވެރިން ތިބި ގޮޅި، އެމީހުންގެ ހާޒިރުގައި ކަރެކްޝަންސްގެ އޮފިސަރުން ފާސްކުރި ކަމަށެވެ. އަދި އެ ގޮޅި ބަލައި ފާސްކުރިއިރު، އެތަނުގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން ޖަލުގައި އެހެން ގައިދީންނާ މެދުވެސް އަމަލުކުރާ އުސޫލުން، މި ދެ މީހުން ވަނީ މޮނީޓާ ކުރެވޭ ގޮތަށް ވަކިން ދެ ގޮޅިއެއްގައި ބޭތިއްބިފައި. އަދި އޭގެ ފަހުން ޖަލުގެ އާންމު އިޖުރާއާތުތަކުގެ ދަށުން އެ ގޮޅިތައް ވަނީ ވަކި ވަގުތުތަކެއްގައި ބަލައި ފާސްކޮށްފައި،" އިހުސާން ވިދާޅުވިއެވެ.

ޝަހުޒާން ތުހުމަތުކުރި ގޮތުގައި އޭނާގެ ގޮޅި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ފާސްކުރީ ރައީސް މުއިއްޒުގެ ސީދާ އެންގެވުމަކަށް ބިރުދެއްކުމުގެ ގޮތުންނެވެ.

އެހެންނަމަވެސް މިނިސްޓަރު ވަނީ އެ ތުހުމަތު މުޅިން ދޮގުކުރައްވާފައެވެ.

"މިފަދަ ބަލައި ފާސްކުރުންތަކަކީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގެ ހިންގުމުގެ ތެރޭގައި ހިނގާ މިފަދަ ކަންކަމަކީ، ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން،" އޭނާ މިނިސްޓަރުކަމާ ހަވާލުވި ފަހުން ރައީސް މުއިއްޒު ޖަލުގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުއްވައި އިރުޝާދެއް ދެއްވާފައި ނުވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން، ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ދެ ނޫސްވެރިން އެކަހެރި ގޮޅިއަށް ބަދަލުކުރުމުން، ރާއްޖޭގެ ތިން ނޫސްވެރިއަކު މީގެކުރިން އޭނާއާ އެ ސުވާލު ވެސް ކުރިއެވެ. އަދި އެކްސްގައި މިއަދު ހިއްސާކުރެއްވި މި ހުރިހާ މައުލޫމާތެއް އޭރު އެ ނޫސްވެރިންނަށް ސާފުކޮށްދެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ ވާހަކަތައް އެއިން އެއްވެސް މީޑިއާއަކުން ރިޕޯޓުކޮށްފައި ނުވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭރު އެ މައުލޫމާތު ނޫސްތަކުގައި ލިޔުނުނަމަ، "ޝަހުޒާން މިހާރު އެ ހަދަނީ ދޮގުކަން އާންމުންނަށް މާ ކުރިން ވެސް ސާފު ވީސް" ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ