މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ މުދަލާއި ފައިސާ ހޭދަކުރުމުގައި އިގުތިސާދުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ހުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނުންނަށް ލިބިފައިވާ މުދަލަކީ މާތްﷲ ދެއްވާފައިވާ ބޮޑު ނިއުމަތެކެވެ. ނަމަވެސް، އެ މުދަލުގެ ހަގީގީ މިލްކުވެރިޔަކީ އެކަލާނގެ ކަމަށާއި، އިންސާނުންނާ އެ މުދާ ހަވާލުކުރައްވާފައިވަނީ އަމާނާތެއްގެ ގޮތުގައި، އެ މީހުން އިމްތިހާނު ކުރެއްވުމަށްޓަކައި ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
މުދާ ހޯދުމުގައި އިސްލާމީ ޝަރީއަތުގެ އިންތަކުގެ ތެރޭގައި ހިފެހެއްޓުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. މިގޮތުން، އަމާނާތަށް ހިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން، ރިބާގެ މުއާމަލާތްތަކާއި ޖުވާ ކުޅުން ފަދަ ކަންކަމަކީ ދީނީ ގޮތުން ހަރާމްކުރައްވާފައިވާ ކަންކަންކަން ހަނދާންކޮށްދިނެވެ. ހަމައެހެންމެ، މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައި ވެސް އިސްލާމީ އުސޫލުތަކަށް ތަބާވާންޖެހޭނެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި އާންމުވަމުންދާ ނުރަނގަޅު އާދަތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތަކެތި ގަނެ، ބޭނުންނުކޮށް ހުއްޓާ މުއްދަތު ހަމަވެގެން އުކާލަންޖެހޭ ހާލަތްތައް މަދު ނޫން ކަމަށެވެ. މިއީ އިސްރާފުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، މިފަދަ ކަންކަމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން، މީހަކަށް ލިބޭ މުދަލުގައި އެހެން ބައެއްގެ ހައްގުތައް ވެސް އެކުލެވިގެންވާކަން ހަނދާންކޮށްދިނެވެ. އޭގެ ތެރޭގައި އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، މިސްކީނުންނާއި، ޔަތީމުންގެ ހައްގުތައް ހިމެނެއެވެ. މި ހައްގުތަކުން އެމީހުން މަހުރޫމް ނުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމުގައި ތަހުޒީބީ އަދި އިގުތިސާދީ ވިސްނުމެއް ގެންގުޅުމަށް ހުތުބާގައި ބާރުއެޅިއެވެ. އަތްނުފޯރާ ފަށުގެ އަގުބޮޑު ދިރިއުޅުމަކަށް އާދަވެ، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ހޭދަކުރުމަކީ މާލީ ދަތިތަކާ ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބެވެ. މަޖުބޫރު ހާލަތެއްގައި މެނުވީ ދަރަނި ނުނެގުމަށާއި، ލިބޭ އެއްޗަކުން މުސްތަގުބަލަށްޓަކައި ބައެއް ރައްކާކުރުމަށް ވެސް އިރުޝާދު ދިނެވެ. މިފަދައިން އިގުތިސާދުކޮށްގެން އާއިލީ ކަންކަން ބެލެހެއްޓުމަކީ އިޖުތިމާއީ ގިނަ މައްސަލަތަކަކުން ސަލާމަތްވެ، އާއިލީ އުފާވެރިކަން ލިބޭނެ ކަމެއްކަން ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާ ނިންމާލަމުން ވަނީ، މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މާތްﷲ ދެއްވި މުދާ ނަހަމަ ގޮތުގައި ހޭދަކުރާ މީހުންނަށް ގިޔާމަތް ދުވަހު ނަރަކައިގެ އަޒާބު ހުރިކަން ހަނދާންކޮށްދީ، އެންމެހާ މުސްލިމުންނަކީ މުދާ ހޯދުމާއި ހޭދަކުރުމުގައި އިސްލާމީ އުސޫލުތަކަށް ތަބާވާ ބަޔަކަށް ވުމަށް ވަނީ ދުއާކޮށްފައެވެ.