އެފްރިކާގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ގުޅިގެން، އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހެޅުން އެ ގައުމުގެ ސަރުކާރުން މަޖުބޫރުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އެކުލަވާލި އާ އުސޫލުތަކެއްގެ ދަށުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިކަމާ ގުޅިގެން އިންޑިއާއިން އެކުލަވާލި އެސްއޯޕީގެ ދަށުން، ފްލައިޓްތަކުގެ ތެރޭގައި ބަލީގެ މައުލޫމާތު ދިނުމާއި، ފަސިންޖަރުންގެ ސިއްހީ ހާލަތު އަމިއްލައަށް ބަޔާންކުރާ ފޯމު ފުރުން ވަނީ ލާޒިމުކޮށްފައެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ މި ބަދަލަށް ސަމާލުވުމަށް ފަސިންޖަރުންގެ ކިބައިން އެދިފައެވެ. އެ އެއާލައިނުން ބުނި ގޮތުގައި، ސެލްފް ޑެކްލަރޭޝަން ފޯމު އެއާލައިންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ފޯމު ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ދިއުމަށްފަހު އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރުތަކަށެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ދަތުރުވެރިން އަންނަ ޓާމިނަލްތަކުގައި ތާމަލް ސްކޭނަރު ބޭނުންކޮށްގެން ފަސިންޖަރުންގެ ހުން ހުރިތޯ ބެލުމުގެ މަސައްކަތް ވެސް އިންޑިއާގެ އެއާޕޯޓްތަކުގައި ވަނީ ފަށާފައެވެ. ހާއްސަކޮށް ބަލި ފެތުރިފައިވާ ގައުމުތަކަށް ދަތުރުކޮށްފައިވާ ފަރާތްތަކުން އެމީހުންގެ ދަތުރުގެ ތަފްސީލާއި ސިއްހީ ހާލަތު ސާފުކޮށް ބަޔާންކުރަން ޖެހެއެވެ.
މިހާރު ފެތުރެމުންދާ އެބޯލާގެ ބާވަތަކީ "ބަންޑިބުގްޔޯ" ވައިރަހެވެ. މި ވައިރަހަށް މިހާތަނަށް ވަކި ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ކޮންގޯގައި މި ބަލި ޖެހިގެން މިހާތަނަށް 80 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.