ފުވައްމުލަކުގައި ހިންގި ޑްރަގް ކެފޭއެއް ފުލުހުން ބަންދުކޮށްފި

ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ޏ. ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކުމާއި، ކެފޭ އުސޫލުން އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ދެމުންދިޔަ ތަނެއް ފުލުހުން ބަންދުކޮށްފިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން މިފަދަ "ޑްރަގް ކެފޭ" އެއް ބަންދުކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ އެ ސިޓީގެ ފުނާޑު އަވަށު، ގުލިސްތާނުގޭގައި ހުރި ތަނެކެވެ. މި ތަނަކީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ އިތުރުން، ކެފޭ އުސޫލުން އެތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ ތަނެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

މި އަމުރު ނެރުނީ 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން ވެސް ފުލުހުން ފާހަގަކުރެއެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދައާ ނުލައި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. ފުލުހުން ބުނި ގޮތުގައި، މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ އިތުރު ތަންތަން ހޯދައި، ގާނޫނީ އިމުގެ ތެރެއިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.

ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، ދާދި ފަހުން ވެސް އެ ސިޓީގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ފުލުހުން ވަނީ އަތުލައިގެންފައެވެ. މިފަދަ ތަންތަން ބަންދުކުރުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފުލުހުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ