ހައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން ސައުދީ ރަސްގެފާނާއި ވަލީއަހުދަށް ވަޒީރު ޝަހީމް މަރުހަބާ ވިދާޅުވެއްޖެ

ދިވެހި ޙައްޖުވެރިން 03 ޖަމްރާއަށް ހިލައުކަން ދަނީ. ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން / އެކްސް
ދިވެހި ޙައްޖުވެރިން 03 ޖަމްރާއަށް ހިލައުކަން ދަނީ. ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން / އެކްސް

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ މަތިވެރި އަޅުކަން އެއްވެސް ދަތިކަމެއް ނެތި، އަމާންކަމާއި ކާމިޔާބީއާއެކު ނިންމާލުމާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު އަމީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މި މަރުހަބާގެ މެސެޖު ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަޒީރު ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި މިލިއަނަކަށްވުރެ ގިނަ ހައްޖުވެރިންނަށް ހިދުމަތް ދިނުމުގައި ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވުޒާރާއާއި، ދާޚިލީ ވުޒާރާގެ އިތުރުން ސައުދީ ސަރުކާރުގެ އެންމެހާ މުއައްސަސާތަކުން ކުރެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތަކަށް ނުހަނު ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިފަދަ ބޮޑު އަޅުކަމެއް އެހާ ފުރިހަމަ އިންތިޒާމުތަކަކާއެކު ކުރިއަށް ގެންދިއުމަކީ ސައުދީ ސަރުކާރުގެ ހަރުދަނާ ރޭވުންތެރިކަމާއި ދުރުވިސްނުން ހާމަކޮށްދޭ ކަމެކެވެ.

ހައްޖުވެރިންނަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސައުދީ އަރަބިއްޔާއިން ބަހައްޓާ ހާއްސަ އަހައްމިއްޔަތުކަމަކީ މުޅި އިސްލާމީ އުންމަތުން ބަލައިގަންނަ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއި އީޖާދީ ހައްލުތައް ބޭނުންކޮށްގެން ކުރެވޭ މަސައްކަތްތަކަށް ވަޒީރު ވަނީ ތައުރީފު ކުރައްވާފައެވެ. މިއީ ހައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް ސައުދީން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ނަތީޖާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ހައްޖުގެ ފުރިހަމަ އިންތިޒާމުތަކާއި ކާމިޔާބީން ރަމްޒުކޮށްދެނީ، ހައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސައުދީން ގެންގުޅޭ ދުރުވިސްނުމާއި ބަހައްޓާ ހާއްސަ އަހައްމިއްޔަތުކަން." - ވަޒީރު ޝަހީމް

މިއަހަރު ރާއްޖެއިން 1،000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރިއިރު، ދިވެހި ހައްޖުވެރިންނަށްވެސް ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހިގެން ގޮސްފައެވެ. އެގޮތުން، "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން ދިވެހި ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާތަކެއް ވަނީ ފުރިހަމަކޮށްފައެވެ. މީގެ ސަބަބުން ސައުދީއަށް ދިއުމަށްފަހު އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ހައްޖުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ ސައުދީ އަރަބިއްޔާއަށް އަބަދުމެ އަމާންކަމާއި، ހަމަޖެހުމާއި ފާގަތިކަން ދެއްވުމަށް އެދި ދުއާ ކުރައްވަމުންނެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހައްޖު މާތްﷲ ގަބޫލުކުރެއްވުމަށާއި، އެންމެހައި މުސްލިމުންގެ ހެޔޮ އަމަލުތަކުގައި ބަރަކާތް ލެއްވުން އެދިވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިއަހަރުގެ ހައްޖު މޫސުމަކީ ދިވެހި ހައްޖުވެރިންނަށްވެސް ވަރަށް އަމާން އަދި ކާމިޔާބު މޫސުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ