ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލްއާ ޚާރިޖީ ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައިފި

HJia00ibMAAWAZq
ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލް އާއި ފޮރިން މިނިސްޓަރުގެ ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ: އިރުތިޝާމް އާދަމް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ކޮމަންވެލްތުގެ ތެރޭގައި ދިވެހިރާއްޖެއިން މިހާރަށްވުރެ ހަރަކާތްތެރި އަދި ހިންގުންތެރި ދައުރެއް އަދާކުރުމަށް އުއްމީދުކުރާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިރުތިޝާމް މިހެން ވިދާޅުވީ، ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމަށްފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކޮށް، ދެފަރާތުގެ މަސްލަހަތު އޮތް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ކޮމަންވެލްތާއެކު ދިވެހިރާއްޖެއިން ބާއްވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކޮމަންވެލްތުގެ އަސާސްތައް ދެމެހެއްޓުމަށާއި، އެ ޖަމާއަތުގެ މަގުސަދުތައް ހާސިލުކުރުމަށް ރާއްޖެއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު އެރުވިއެވެ. މީގެ އިތުރުން، ރާއްޖެއަކީ ކޮމަންވެލްތުގެ އާއިލާގެ މުހިންމު މެންބަރަކަށްވާއިރު، ކުރިއަށް އޮތް ތަނުގައި އެ ޖަމާއަތުގެ ތެރޭގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮމަންވެލްތުގެ މުހިންމު ނިންމުންތަކާއި ހަރަކާތްތަކުގައި މިހާރަށްވުރެ ހިންގުންތެރި ދައުރެއް އަދާކުރުމަކީ ދިވެހި ސަރުކާރުން ބޭނުންވާ ގޮތެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ހަރުދަނާކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ކޮމަންވެލްތަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލައިދޭ މުހިންމު ޖަމާއަތެކެވެ.

މި ބައްދަލުވުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ތަފާތު އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް ތިމާވެށީގެ މައްސަލަތަކާއި، އިގްތިސާދީ ތަރައްގީގެ ދާއިރާއިން ކޮމަންވެލްތުގެ ތެރޭގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ