ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިތާ 70 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، އެ ހަރަކާތް ރާއްޖެއަށް ތަޢާރަފްކުރެއްވި ބޭފުޅުންނަށާއި، ވޭތުވެދިޔަ ހަތްދިހަ އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ އާއި ޝުކުރު ދަންނަވައިފިއެވެ.
މި މުނާސަބަތުގައި ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޤައުމަށް ބޭނުންވި ކޮންމެ ވަގުތެއްގައި ސްކައުޓުން ވެފައިވާ ޤުރުބާނީތަކަކީ އަގުނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، އެއްވެސް އުޖޫރައަކާ ނުލައި ދަރުމައަށް ސްކައުޓުން ކުރަމުންދާ މަސައްކަތްތަކުގެ އަގު އެމަނިކުފާނު ވަނީ ވަޒަންކުރައްވާފައެވެ. ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ ބޮޑު އިތުބާރަކާއި އިޙްތިރާމެއް ލިބިފައިވާ، މުޅި ރާއްޖެއަށް ފެތުރިފައިވާ އެންމެ ބޮޑު ވޮލަންޓްރީ ހަރަކާތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސްކައުޓް ހަރަކާތުގެ ސަބަބުން ދިވެހި ދަރިންނަށް މުހިންމު އެތައް ހުނަރުތަކަކާއި ރީތި އަޚްލާޤީ ސިފަތަކެއް އުނގަންނައިދީފައިވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި އެހެން ޤައުމުތަކާ އޮންނަ ގުޅުން ވަރުގަދަކުރުމަށްވެސް ބާރަކަށް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިމަގަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް އަންނަމުންދާ ތަރައްޤީއާއެކު ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުންގެ އަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޤައުމީ ޚިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.