މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންގެ ބަޔަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއް އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، އިސްނަގައިގެން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިގޮތުން ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ބިދޭސީންތަކެއް އެކަކު އަނެކަކުގެ ގައިގައި ޖަހައި މާރާމާރީ ހިންގާ މަންޒަރެވެ. އަދި އެތާ ކައިރީގައި ކުޑަކުދިންނާއި އަންހެނުން ތިބިތަންވެސް ވީޑިއޯއިން ފެެނެއެވެ.
މާލޭގައި ބިދޭސީންގެ މެދުގައި މިފަދަ ހަމަނުޖެހުންތައް ހިނގުމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. ހާއްސަކޮށް އާއިލާތަކާއި ކުޑަކުދިން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި މިފަދަ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ފުލުހުން ބުނީ މިފަދަ ކަންކަން ހުއްޓުވުމަށާއި، ކުށްކުރާ ފަރާތްތަކަށް ގާނޫނީ އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.