ބޯހިޔާވަހިކަމުގެ ކޯލް ސެންޓަރުގެ ޚިދުމަތް އީދު ބަންދަށްފަހު އަލުން ފަށައިފި

80089d49-1944-4b76-8453-77f93ea9a9c9
އެފްޑީސީ ފްލެޓްތައް. ފޮޓޯ: އެްފްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ ޚިދުމަތްތައް، އަޟްޙާ އީދު ބަންދަށްފަހު އަލުން ފަށައިފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކޯލް ސެންޓަރުގެ ޚިދުމަތްތައް ދެން ލިބޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކޯލް ސެންޓަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ. މީގެ އިތުރުން، އެ ވުޒާރާގެ އިންފޮމޭޝަން ޑެސްކުގެ ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް ލިބޭނެ ކަމަށްވެސް ވުޒާރާއިން ބުނެއެވެ.

އީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ވަނީ ލިބިފައެވެ. މިކަމަށް ރިޢާޔަތްކޮށް، ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް އިތުރުކޮށްދީފައެވެ.

ކުރިން އޮތް ގޮތުން ނަމަ، މާލޭ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މޭ މަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން މިވަނީ އެ މުއްދަތު އިތުރުކޮށްފައެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ސްކީމަކީ މިދިޔަ ނޮވެމްބަރު މަހު އިޢުލާނުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ