މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމަށް އިތުރު ދެ އޭޓީއާރު ބޯޓު ގެންނަނީ

img_md_202201180221231642497683.4676
މޯލްޑިވިއަންގެ ބައެއް ފްލައިޓްތައް. ފޮޓޯ: އޭޓީއާރު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމަށާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އިތުރު ދެ އޭޓީއާރު މަރުކާގެ މަތިންދާބޯޓު ގެނައުމަށް އޯޑަރު ދީފިއެވެ. މިކަން ހާމަކުރެއްވީ އެކުްނފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރަމުންދާ ބާވެފައިވާ ޑޭޝް8 މަރުކާގެ ބޯޓުތައް އޭޓީއާރު ބޯޓުތަކަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު އެ ކުންފުނިން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާރު އަލަށް އޯޑަރު ދިން ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޔާސް ވިދާޅުވި ގޮތުގައި، މިހާރު ބޭނުންކުރަމުންދާ ޑޭޝް8 ބޯޓުތަކަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ބޯޓުތަކެކެވެ. މި ބޯޓުތަކަށް ގިނަ ދުވަސްވުމުގެ ސަބަބުން ބާވެ، މަރާމާތުކުރުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން ބައެއް ބޯޓުތަކުގެ އުމުރު 25 އަހަރަށްވުރެ މަތިވެފައިވާއިރު، 2009 ނުވަތަ 2010 ވަނަ އަހަރުން ފެށިގެން މި މަރުކާގެ ބޯޓުތައް އުފެއްދުން މެނުފެކްޗަރާ ހުއްޓާލާފައިވުމަކީވެސް މަރާމާތުގެ ހަރަދު ބޮޑުވާން ދިމާވި މައިގަނޑު ސަބަބެއް ކަމަށް އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަނުން މިހާރުވެސް އޭޓީއާރުގެ ފަސް ބޯޓު ގެނެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާއިރު، އޭގެ ތެރެއިން އެންމެ ފަހުން ގެނައި ބޯޓަކީ މުޅިން އައު ބޯޓެކެވެ. މި އާ ބޯޓުތަކާއެކު، އެކުންފުނީގެ ޑޭޝް 8 މަރުކާގެ ބޯޓުތައް ފޭސް-އައުޓްކޮށް، ފްލީޓް ޒަމާނީ ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. މިހާރު އެ ކުންފުނީގެ ފްލީޓުގައި ޖުމްލަ 27 މަތިންދާބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވައިޑް-ބޮޑީ އެއާބަސް އޭ330 މަރުކާގެ ބޯޓަކާއި، ނެރޯ-ބޮޑީ އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި، އޭޓީއާރުގެ ފަސް ބޯޓާއި، ޑޭޝް8 މަރުކާގެ ނުވަ ބޯޓުގެ އިތުރުން ޑޭޝް6 މަރުކާގެ 11 ޓްވިން އޮޓާ ބޯޓެވެ.

ގައުމީ އެއާލައިންގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ގައުމީ އެއާލައިނަށް އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނައުމުގެ މަސައްކަތް އައިލެންޑް އެވިއޭޝަނުން ކުރަމުންދާ ކަމަށާއި، އެ ބޯޓުވެސް މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ