ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ދީފައިވާ ލަފާ ދިރާސާކޮށް، އެ ބަދަލު ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ޑަބްލިއު.އެޗް.އޯ އިން ލަފާ ދީފައިވާ ގޮތަށް ދުންފަތުން ނަގާ ހާއްސަ ޑިއުޓީ ރޭޓު 8 ރުފޮޔާއިން 4 ރުފިޔާއަށް ކުޑަ ކުރަން ސަރުކާރުން މިދަނީ މަޝްވަރާ ކުރަމުން: މިނިސްޓަރ އިހުސާން pic.twitter.com/BF54SWIkC9
— Masverin News (@MasverinNews) May 31, 2026
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، ޑިއުޓީ ރޭޓަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމި ނިންމުމާއެކު، އޭރު ވޭޕް ބޭނުންކުރަމުންދިޔަ މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބެލެވުނު ކަމަށެވެ. އެހެންކަމުން، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނާއި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށްޓަކައި، ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައެވެ. އެ ފަހަރު ގެނައި ބަދަލާއެކު، ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރެވުނެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ނިންމި ވަރަށް އުނދަގޫ ނިންމުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޑިއުޓީ ރޭޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުން އަބަދުވެސް ކުރާނެ ކަމެކެވެ. އަދި އެ ރޭޓުތައް ހިފަހައްޓާނީ އެއިރެއްގައި ހެދޭ ދިރާސާތަކުން ދައްކާ ނަތީޖާތަކަށް ބިނާކޮށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، ޑަބްލިއުއެޗުއޯއިން ހަދާފައިވާ ދިރާސާއަކަށް ބިނާކޮށް، 2026 ވަނަ އަހަރަށް ރާއްޖެއަށް ރިކޮމެންޑް ކޮށްފައިވަނީ ސިނގިރޭޓުގެ ސްޕެސިފިކް ރޭޓް 4 ރުފިޔާއަށް ހެދުމަށެވެ. މިއީ ސަރުކާރުން މިހާރުވެސް ވަރަށް ބޮޑަށް ވިސްނަމުންދާ އަދި ދިރާސާކުރަމުންދާ ރޭޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ ރޭޓަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން، ކަމާބެހޭ ހުރިހާ ސަރުކާރުގެ އިދާރާތަކާއި، މި ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި އެ މަޝްވަރާތަކަށްފަހު، ޑިއުޓީ ރޭޓަށް ބަދަލު ގެންނަންޖެހޭ ކަމަށް ހުރިހާ ފަރާތްތަކަކަށް އެއްބަސްވެވޭނަމަ، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ހުށަހަޅުން ހުށަހަޅާނެ ކަމަށްވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.