އެންސްޕާގެ މެޑިކަލް ވެލްފެއާ ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރަނީ

IMG_2608
އާސަންދަ އޮފީސް. ފޮޓޯ: އާސަންދަ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ރައްޔިތުންނަށް ފޯރުކޮށްދެމުން އައި މެޑިކަލް ވެލްފެއާގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ، މިހާރު ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ދެވޭ އެހީތެރިކަމުގެ ޚިދުމަތްތައް ދެ އިދާރާއަކުން ވަކިން ދެމުންދިއުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށެވެ. މީގެ ސަބަބުން ބޭސްފަރުވާގެ އެހީތެރިކަން ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

އާސަންދައިގެ ދަށަށް ބަދަލުވާ މުހިންމު ޚިދުމަތްތައް

މި ބަދަލާއެކު، އެންސްޕާއިން ކުރިން ދެމުން އައި ބޭސްފަރުވާގެ ގިނަ އެހީތަކެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ޚިދުމަތްތަކަކީ:

  • ގޯޝަން ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން.
  • ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން.
  • ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސްތައް ހޯދުމަށް އެހީތެރިވުން.
  • އާންމުކޮށް ބޭނުންވާ ބޭހާއި ރާއްޖެއިން ނުލިބޭ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ.
  • އާސަންދަ ހަމަޖެހިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓުގެ އެހީ.
  • ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ.
  • ޕަބްލިކް ހޮސްޕިޓަލްތަކުންނާއި އާސަންދައިން ކަވަރު ނުކުރާ ޓެސްޓުތަކާއި ތަޙުލީލުތަކަށް ދެވޭ އެހީތެރިކަން.
  • ފަރުވާއަށް ބޭނުންވާ އެކި ބާވަތުގެ އާލަތްތަކާއި، މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނުން.
  • ފަރުވާ ފުރިހަމަކުރުމަށްފަހު ނުވަތަ އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ދަތުރުފަތުރުގެ އެހީތެރިކަން.
  • ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތަކަށް އެހީވުން.
  • އަމިއްލަ ޚަރަދުގައި ބޭރަށް ގޮސް އުޅެނިކޮށް ދިމާވާ ދަތިތަކާ ގުޅިގެން ދެވޭ އެހީތެރިކަން.
  • ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުމާއި، ހޮސްޕިޓަލް ބަދަލުކުރުމުގެ ކަންކަން ހަމަޖެއްސުން.
  • މެރަނަ ސްކީމުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކުއްލި ޙާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުން.

އެއް ފުރާޅެއްގެ ދަށުން އަވަސް ޚިދުމަތެއް

މި ބަދަލާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ އެހީތެރިކަން އެއް އެޕްލިކޭޝަނެއްގެ ތެރެއިން އަދި އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިހާރު ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ އެހީތެރިކަމަށް ބަލާއިރު އާސަންދަ ކުންފުނިން ވަކި ކަންކަމަކަށް އެދެންޖެހުން އަދި އެންސްޕާއިން އިތުރު ކަންކަމަށް އެދެންޖެހުން. މިގޮތަށް ބަދަލުވުމުން އެއްތަނަކުން މީހުންގެ މައުލޫމާތު ބެލެހެއްޓި، ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އެނގިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މިހާރު އެންސްޕާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޖޫން 1 ވަނަ ދުވަހުން ފެށިގެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިންނެވެ. އަދި މި ޚިދުމަތްތަކާ ގުޅޭ އެންމެހާ މައުލޫމާތުތައް ވެސް ދެން ފޯރުކޮށްދޭނީ އާސަންދައިގެ ފަރާތުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ