އައިޖީއެމްޗުގައި "ނެނޯ ނީޑަލް ކެމެރާ" ސާޖަރީ ފަށައިފި

Screenshot 2026-06-01 at 01.13.27

ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލާ އަދި ފަރުވާ ދިނުމަށް ކުރެވޭ ސާޖަރީތައް ކުރަން ފަށައިފިއެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ޚިދުމަތެއް ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އަލަށް ތައާރަފުކުރި މި ސާޖަރީއަކީ، ކުދި ހުޅުތަކުގައި އާތްރޯސްކޯޕީ ހެދުމަށްޓަކައި ނެނޯ ނީޑަލް ބޭނުންކޮށްގެން، ވަރަށް ކުޑަ ލޯވަޅަކުން ހުޅުތެރޭގެ މައްސަލަތައް ދެނެގަނެ ފަރުވާ ދިނުމަށް ކުރާ އޮޕަރޭޝަންތަކެކެވެ. މިއީ މިހާރު އައިޖީއެމްއެޗްގައި ހަދަމުންދާ އާތްރޮސްކޯޕިކް ސާޖަރީތަކާ އަޅާބަލާއިރު މާ ކުޑަ ފެޅުމަކުން ނިންމާލެވޭ ސާޖަރީއެކެވެ. މިކަމަށް ބޭނުންކުރާ ނެނޯ ނީޑަލް ކެމެރާއަކީ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި ބޭނުން ގޮތަކަށް ލަނބާލެވޭ ފްލެކްސިބަލް ކެމެރާއެކެވެ.

އައިޖީއެމްއެޗްއިން ފާހަގަކުރި ގޮތުގައި، ނެނޯ ނީޑަލްގެ އެހީގައި ހުޅުގެ އެތެރެ ވަރަށް ސާފުކޮށް ބަލާލެވޭތީ، ދިމާވެފައިވާ މައްސަލަ ދެނެގަތުން މާ ފަސޭހަވެއެވެ.

އެ ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ޑިޕާޓްމަންޓުގެ ޑޮކްޓަރު، ޑރ. އިސްމާޢިލް ޒާހިރު ވިދާޅުވީ މިއީ ކުދި ހުޅުތަކަށް ދެވޭ ފަރުވާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ނެނޯ ނީޑަލް ކެމެރާއަކީ ހަނި ދޭތެރެތަކަށް ވެސް ލަނބާލައިގެން ވައްދާލެވޭ އެއްޗެއް. މީގެ އެހީގައި ހުޅުތެރެއަށް ލިބިފައިވާ ގެއްލުންތައް، މިސާލަކަށް އިތުރުވެފައިވާ ކަށިކޮޅެއް ހުރިތޯއާއި، ކާޓިލޭޖް (އޮމާން ފަށަލަ) ހަލާކުވެފައިވާ މިންވަރާއި، އަދި ވަށައިގެންވާ ލިގަމެންޓްތަކުގެ ހާލަތު ވަރަށް ރަނގަޅަށް ބަލާލެވޭ. ކެމެރާ ބޭނުންކޮށްގެން މިގޮތަށް ބަލާލުމުން، އެމްއާރްއައިއެއް ނަހަދައި ވެސް ބަލި ދެނެގަނެވޭނެ. މިއީ ކުދި ހުޅުތަކުގެ ފަރުވާގައި ހޯދުނު ބޮޑު ކާމިޔާބީއެއް،" ޑރ. އިސްމާޢިލް ވިދާޅުވިއެވެ.

މި އާ ޓެކްނޮލޮޖީގެ ސަބަބުން، އޮޕަރޭޝަނަށް ފަހު ބަލިމީހާ އެއްކޮށް ފަސޭހަވާން ނަގާ މުއްދަތު ވަރަށް ބޮޑަށް ކުރުވެގެންދެއެވެ.

އެ ހޮސްޕިޓަލުގެ އެނެސްތީޝިއާ ޑިޕާޓްމެންޓުގެ ޑޮކްޓަރު، ޑރ. އައްސަދު މުހައްމަދު ޝަހީދު ވިދާޅުވި ގޮތުގައި ސާޖަރީގެ އުކުޅުތަކަށް މިއަންނަ ޒަމާނީ ބަދަލުތަކުގެ ސަބަބުން އެނެސްތީޝިއާގެ ފަރުވާތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ޚާއްޞަކޮށް ހާލު ބޮޑު ބަލިމީހުންނާއި، ޞިއްޙީ އިތުރު މައްސަލަތައް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ދިމާވާ ހުރަސްތަކަށް މީގެން ހައްލެއް ލިބޭނެއެވެ.

އައިޖީއެމްއެޗުން ދަނީ ހުޅުތަކުގެ ބަލިތަކަށް ދޭ ފަރުވާ ޒަމާނީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ހޮސްޕިޓަލުން ވަނީ މާ ސާފުކޮށް މަންޒަރު ފެންނަ ފޯކޭ ކޮލިޓީގެ އާތްރޮސްކޯޕިކް ކެމެރާ ބޭނުންކޮށްގެން ސާޖަރީތައް ކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ