މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސަކަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އައްޔަނުކުރައްވައިފިއެވެ.
އެ މަގާމަށް ސަލީމާ ވާދަކުރެއްވީ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.
ޖުމްލަ 74 ވޯޓު ލިއިރު، ސަލީމަށް 62 ވޯޓު ލިބިވަޑައިގެންނެވިއެވެ. ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ.
ސަލީމަކީ މިވަގުތު މަޖިލީހުގައި އެންމެ ގިނަ ދުވަހު މެންބަރުކަން ކުރައްވާފައިވާ އެއް ބޭފުޅާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިއްޔެ އިސްތިއުފާދެއްވައިފައިވަނީ، ނާޒިމްގެ މައްޗަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ސޮއިކޮށް، އިތުބާރު ނެތް ކަމަށް ހުށަހަޅައި، އޭނާ ވަކިކުރަން އިއްޔެ ތާވަލުވެސް ކޮށްފައި ވަނިކޮށެވެ.