ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މަނާކުރަނީ

2026-06-01 12.59.08

ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ ނުހަނު މުހިންމު ނިންމުމެއްކަން ހާމަކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި އަގުތަކާއި އާއިލީ ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކުޑަ އާބާދީއަކަށް ވުމުން، ކުދިންގެ އަޚުލާގާއި ދުޅަހެޔޮކަމަށް ހުރަސްއެޅޭ މައްސަލަތައް ހައްލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

ޒަމާނީ ދުނިޔޭގައި ބެލެނިވެރިންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކެވެ. މި ބައިނަލްއަގުވާމީ ގޮންޖެހުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންޓަނެޓްގެ ސަބަބުން ކުޑަކުދިން މިހާރު ނިސްބަތުން ބޮޑަށް ނުރައްކާތަކަށް ހުށަހެޅެމުންދާ ކަމަށެވެ. ޚާއްޞަކޮށް، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި މުސްތަގުބަލު ހަލާކުކޮށްލާ 'ސައިބާ ބުލީން' ފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އޮންލައިންކޮށް ކުދިން ޝިކާރަކުރުމަށް ހިންގާ 'ގްރޫމިން'ގެ ނުރައްކަލަކީ މުޅި މުޖުތަމައަށް އޮތް ބޮޑު ބިރުވެރިކަމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށެވެ. މިފަދަ ކަންކަމުން ކުދިން ސަލާމަތްކުރެވޭނީ ދައުލަތުގެ މުއައްސަސާތަކާއި، ޖަމިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް އެކީގައި އަތްގުޅާލައިގެން ކަމަށް ވިދާޅުވިއެވެ.

މި ނޭދެވޭ އަސަރުތަކުން ޒުވާނުންނާއި ކުޑަކުދިން ދުރުކުރުމަށްޓަކައި، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުން ނުކުރެވޭ ގޮތަށް ބްލޮކްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި ސިޔާސަތު އެކުލަވާލުމުގައި، މިހާރު އޮސްޓްރޭލިއާއިން ކާމިޔާބުކަމާއެކު އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކުރާނެ ކަމަށާއި، ރާއްޖޭގެ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބައިނަލްއަގުވާމީ ޓެކް ކުންފުނިތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި މިކަމާއި ގުޅޭ މަސައްކަތްތައް ނިންމާ، އުންމީދުކުރަނީ ގިނަވެގެން 1 އަހަރު ނުވަތަ އެއައްވުރެއްވެސް އަވަހަށް މިއަހަރު ތެރޭގައި އަމަލީ ގޮތުން އެންފޯސް ކުރެވޭނެ ކަމަށް. އެއީ 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓޭލިއާގައި އޮތް ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރުމުގައި ބޭން ކުރުމުގެ ކަންކަން ކުރުން. އޭގެ މާނައެއް ނޫން ޑިޖިޓަލައިޒޭޝަނާއި ދުރަށް ދިއުމެކޭ. އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވަސް 2.0،" ރައީސް ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ކުދިންގެ ތައުލީމީ ކުރިއެރުމަށާއި، އިންޓަނެޓްގެ ޒަރިއްޔާއިން އައު ހުނަރުތައް ދަސްކުރުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ. ސަރުކާރުގެ އުންމީދަކީ، އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން، މި އަހަރުގެ ތެރޭގައި މި ސިޔާސަތު ތަންފީޒުކޮށް އަމަލީ ނަތީޖާ ދެއްކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ