މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު: ފިނޭންސް

Screenshot 2026-06-02 at 10.20.05

އަންދާޒާ ކުރިވަރަށް ވުރެ މިދިޔަ އަހަރުގެ ބަޖެޓު ޚަރަދު 5 ބިލިޔަން ރުފިޔާ ދަށް ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން ޝާއިއު ކުރި ބަޖެޓު ނަތީޖާ ބަޔާން 2025 ގައެވެ.

އެ ބަޔާނުގައިވާ ގޮތުން، 2025 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމްލަ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

ޚަރަދުތައް މިހާ ބޮޑަށް ކުޑަކުރެވުނީ ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގުމަށް ގެނައި ބަދަލުތަކުގެ އިތުރުން، ހިނގަމުންދާ ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އދި މިދިޔަ އަހަރުގެ ޚަރަދުތައް މެނޭޖުކޮށްފައިވަނީ އިސްރާފު ކުޑަކޮށް، ޚަރަދުތައް ކުޑަކުރުމުގެ ހަރުދަނާ އޮނިގަނޑެއްގެ ދަށުންކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޚަރަދުތައް ކުޑަވުމާ ގުޅިގެން ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ވެސް ވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފައެވެ. މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ ނިސްބަތުން ބަލާއިރު، ޑެފިސިޓް ވަނީ 3.6 އިންސައްތައަށް ދަށްކުރެވިފައިކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޑެފިސިޓް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޚަރަދުތައް ކުޑަކުރި ނަމަވެސް އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ސަބްސިޑީތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. ސަރުކާރުން އިސްކަންދިނީ ކަރަންޓާއި، ފެނާއި ނަރުދަމާ ފަދަ މުހިންމު ޚިދުމަތްތަކުގެ ޚަރަދު ބޮޑުވިޔަނުދީ، އެ ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކުރުމަށްކަން އެވުޒާރާއިން ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 14.0 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ހޭދަކޮށްފައިވަނީ 12.5 ބިލިއަން ރުފިޔާއެވެ. އަދި ދަރަނީގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހުނު އަދަދު ވެސް ވަނީ 5.6 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

ހަރުދަނާ ސިޔާސަތުތަކާއެކު މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ ސަޕްލިމެންޓަރީ ބަޖެޓަކާއި ނުލާ މިވޭތުވެދިޔަ ފަސް އަހަރު ތެރޭގައިވެސް ދައުލަތުގެ ޚަރަދުތައް ބަލަހައްޓާފައިވާ ހަމައެކަނި އަހަރަށްކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރީ 39.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް އާމްދަނީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ލަފާކުރި ވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއީ 2019 އިން 2025 އަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރުކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާ ގުޅޭ ފީތަކާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމެވެ. ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނުއިރު، ރިސޯޓު ކުލީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ، އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 793.4 މިލިއަން ރުފިޔާ ގަވާއިދުތައް ތަންފީޒުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ވަނީ ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މި އަހަރު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އަދި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ދައްކާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ