މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން "މާލެ ޓެކްސީ" ގެ ޚާއްޞަ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ޚިދުމަތަކީ މާލޭގެ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މަޝްރޫއެކެވެ.
މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ފުރަތަމަ ވެބް އެޕްލިކޭޝަނެއްގެ ގޮތުގައި ފެށި މި ޚިދުމަތް، މޯބައިލް އެޕަށް ބަދަލުވުމާއެކު ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެޕްލިކޭޝަނުން ލިބޭނެ މުހިންމު ޚިދުމަތްތައް:
- ދުރާލާ ދަތުރުތައް ތާވަލުކުރުން: ދަތުރު ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން، ބޭނުންވާ ގަޑިއަކަށް ދަތުރުތައް ބުކްކޮށް ތާވަލުކޮށްލެވޭނެއެވެ.
- ޑިޖިޓަލް ޕޭމަންޓް: އެޕްގެ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ.
- ސަލާމަތާއި ރައްކާތެރިކަން: ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއް އެޕްގައި ހިމަނާފައިވެއެވެ.
- ލޮސްޓް އެންޑް ފައުންޑް: ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކޮށް، ޑްރައިވަރަށް މެސެޖާއި ކޯލް ކުރެވޭނެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މޯބައިލް އެޕްލިކޭޝަން ތައާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށާއި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ.