ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

Screenshot 2026-06-02 at 15.39.16

މިދިޔަ ހަފުތާގައި ވެސް ރާއްޖޭން އިތުރު ދެ މީހަކު ހިމަބިއްސަށް (މީސްލްސް) ފައްސިވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލޭ ސަރަހައްދުން މި ބަލީގެ ދެ ކޭސް ވަނީ އަލަށް ފެނިފައެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.

މި ސިއްހީ ނުރައްކަލުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ އާންމުން ސަމާލުވުމަށް ޚާއްޞަ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ފާޅުވާން ފަށައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓެއް ހަދައިފިނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް އެ އިދާރާއިން ވަނީ ބާރުއަޅާފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތްތައް ވަރުގަދަކުރަމުންނެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މިވަގުތުވެސް ފަސް ކޭހެއްގެ ތަހުގީގު ފުންކޮށް ކުރިއަށްދާއިރު، އެ ކޭސްތަކާ ގުޅުންހުރި 128 ކޮންޓެކްޓުން ފާހަގަކުރެވި، އެމީހުންގެ ހާލަތު ދަނީ މޮނިޓާކުރަމުންނެވެ.

ނޭވާލާ ނިޒާމުގެ ތެރެއިން، ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ ތެރެއަށް ބޭރުވާ ތިކިތަކުން ފެތުރޭ މި ބަލިން ސަލާމަތްވުމަށްޓަކައި، އަލާމާތްތަކަށް ސަމާލުވުމަކީ އެންމެ މުހިންމު ފިޔަވަޅެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ބަލިމީހުންނަށް އަވަސް ލުއިތަކެއް ދިނުމަށްޓަކައި އައިޖީއެމްއެޗުން ވެސް މިހާރު ވަނީ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އިރުޝާދާއި އެހީތެރިކަން ދިނުމަށް، ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީގައި 'ހެލްޕް ޑެސްކް' އެއް ވަނީ ހުޅުވާފައެވެ. މި ޑެސްކުން ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ޚިދުމަތް ދެމުންދާނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ