ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ދަފްތަރުކުރުން އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްގެންދާނީ "ވަން ގަވް" ޕޯޓަލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އަމިއްލަ ދިރިއުޅުމަށްޓަކައި ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ މީހުން ދަފްތަރުވުމަށް މިހާރު ބޭނުންކުރާ "ދިރިތި" ޕޯޓަލްގެ ޚިދުމަތް، މި މަހުގެ 7 ވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އެއް ވިއުގަ "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާދަމާ މެންދުރުފަހު 14:00 އިން ފެށިގެން "ދިރިތި" ޕޯޓަލްއިން ދަފްތަރުވުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާނެއެވެ. އެހެންކަމުން، ދެން މި ޚިދުމަތަށް އެދި ފޯމު ހުށަހެޅޭނީ އާދީއްތަ ދުވަހުން ފެށިގެން "ވަން ގަވް" މެދުވެރިކޮށެވެ. ބޭންކުތަކާއި އިދާރާތައް ބަންދު މި މުއްދަތުގެ ތެރޭގައި، "ދިރިތި" ޕޯޓަލްގައި މިހާރުވެސް ރަޖިސްޓްރީވެފައި ތިބި ފަރާތްތަކުގެ މައުލޫމާތުތައް "ވަން ގަވް" ނިޒާމަށް ބަދަލުކުރުމުގެ ފަންނީ މަސައްކަތް އެމްއެފްޑީއޭއިން ކުރިއަށްގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ބަދަލާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 7603204 އަދި 3034221 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭސް ރަޖިސްޓްރީކުރުމާއި، އެކި ބާވަތްތަކުގެ ހުއްދަތައް ދޫކުރުމުގެ އިތުރުން 'ބޯޑާ ހެލްތު ކްލިއަރެންސް' ފަދަ މުހިންމު ޚިދުމަތްތައް މިހާރު ވެސް ބަދަލުވެފައި ވަނީ "ވަން ގަވް" ޕޯޓަލްއަށެވެ.
މީގެ އިތުރުން، ކެފޭ ރެސްޓޯރެންޓްތަކާއި ހޮޓާ ފަދަ ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން އެމްއެފްޑީއޭއިން ވަނީ އިންތިގާލީ އުސޫލުތަކެއް ބަޔާންކުރާ ގަވާއިދެއް އެކުލަވާލާފައެވެ. އެ ގަވާއިދުގައިވާ ގޮތުން، މީހުން ދިރިއުޅޭ ގޭގޭގައި ކާބޯތަކެތި ފޯރުކޮށްދޭން ހަދާ ތަންތަނާއި، ވަގުތީ ގޮތުން ހަދާ މާރުކޭޓުތަކާއި ގާޑިޔާ ފަދަ ތަންތަން ރަސްމީކޮށް ރަޖިސްޓަރީކުރުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެފަދަ ތަންތަނުން ވެސް ކާބޯތަކެތި އުފައްދައި ވިއްކަންވާނީ، އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި އެ އޮތޯރިޓީން ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭގޮތަށް ކަމަށް ގަވާއިދުގައި ވަނީ ބާޔާންކޮށްފައެވެ.