އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމުން ޚިދުމަތްތައް އަވަސްވާނެ: ޒީނިޔާ

ghhh

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒް ވެގެން ދިޔުމާއެކު މިހާރަށްވުރެ އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމު، އާސަންދައިގެ ޚިދުމަތްތައް ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމަކަށް ބަދަލުކޮށް، ޚިދުމަތް ދިނުން މިހާރަށް ވުރެ އަވަސްކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް އެބަ ގެންދެއެވެ. މިއީ ޚިދުމަތްތައް ލަސްވުމަށް ދިމާވާ މައިގަނޑު ސަބަބު ކަމަށްވާ މެނުއަލްކޮށް ފޯމު ފުރުމާއި ރަޖިސްޓްރީ ބެލެހެއްޓުން ނައްތާލުމަށް ފެށި މުހިންމު ރީފޯމެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ޚިދުމަތް ލަސްވާ މައިގަނޑު ސަބަބަކީ މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ގިނަވުމުންނެވެ. އެގޮތުން އެއީ މުވައްޒަފުންގެ ގިނަ ވަގުތުތަކެއް އެކަމަކަށް ހޭދަވާ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކުގެ ދަށުން، މީގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ދެމުންދިޔަ އިޖުތިމާޢީ އެހީއާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށް، އެއް ފުރާޅެއްގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް ހަދާފައެވެ. 'މައި އާސަންދަ ޕޯޓަލް' އާއެކު އައި ލުއިފަސޭހަތައް:

  1. އޮންލައިންކޮށް ފޯމު ހުށަހެޅުން: 'އީފާސް' މެދުވެރިކޮށް ލޮގިންވެވޭ މި ޕޯޓަލްގެ ތެރެއިން ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެއެވެ.
  2. މައުލޫމާތު އެއްތަނަކުން ލިބުން: ބޭސްފަރުވާއާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ އެހީތަކުގެ ތަފްޞީލު ބަލައިލުމާއި، އެ ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު ޕޯޓަލްއިން ފަހިވެއެވެ.
  3. ވަގުތު ސަލާމަތްވުން: މެނުއަލް މަސައްކަތްތަކަށް މުވައްޒަފުންގެ ގިނަ ވަގުތުތަކެއް ހޭދަވާތީ ކުރިމަތިވި ލަސްތަކަށް، ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްވުމުން ދާއިމީ ހައްލެއް ލިބޭނެއެވެ.

އާސަންދަ ނިޒާމަށް މިފަދަ ބަދަލުތަކެއް ގެންނަމުންދަނީ ހަމައެކަނި ޚިދުމަތް އަވަސްކުރުމަކަށް ނޫނެވެ. ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާ ދާއިމީ ބަލިތަކުގެ ބޭހާއި، ބޭސް އެތެރެކުރުމުގެ ދާއިރާއިން ނާޖައިޒު މަންފާ ނެގުން ހުއްޓުވައި، ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު ފަންޑު ބޭނުންކުރުމަކީ ވެސް މި ރީފޯމްގެ ބޮޑު މަގުސަދެއް ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި، މި ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމުމުން، ރައްޔިތުންނަށް މިހާރަށްވުރެ މާ ފުރިހަމަ އަދި ހަރުދަނާ ޚިދުމަތެއް ކަށަވަރުވެގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ