ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް އިތުރުކޮށް، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ސަރުކާރުން ފެށި މަޝްރޫއާއެކު، ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހު އޮޕަރޭޝަނަށް ނެރުނު އެއަރބަސް އޭ330-200 މަރުކާގެ ބޯޓުން މިހާތަނަށް 80،000 އަށްވުރެ ގިނަ ފަސެންޖަރުން ވަނީ އުފުލާފައެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، އެންމެ މަތިންދާބޯޓަކުން އެއް އަހަރު ތެރޭގައި މިހާ ބޮޑު ކާމިޔާބީއެއް ހޯދުމަކީ ކުންފުންޏަށާއި ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ބޯޓުގެ ދަތުރުތަކުގައި އެކަނިވެސް 40،000 އަށްވުރެ ގިނަ ފަތުރުވެރިން އުފުލާފައިވާއިރު، މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ރާއްޖެއަށް އަލަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންނެވެ. ފަސެންޖަރުންގެ އިތުރުން، 1,800 ޓަނަށްވުރެ ގިނަ މުދާ މި ބޯޓުގައި ވަނީ އުފުލާފައެވެ. މިއީ ރާއްޖޭގެ ވިޔަފާރިއަށް ލިބުނު ބޮޑު ލުޔެކެވެ.
ޗައިނާގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، މެލޭޝިއާ، ސައޫދީ އަރަބިއްޔާ އަދި ދާދި ފަހުން އޮސްޓްރޭލިއާއަށް ވެސް ސީދާ ދަތުރުތައް ވަނީ ފަށާފައެވެ. މީގެ ތެރޭގައި ޙައްޖާޖީންނާއި ޢުމްރާވެރިންނަށް ދެވޭ ޚާއްސަ ޚިދުމަތްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މޯލްޑިވިއަންގެ ޚިދުމަތްތައް ދުނިޔޭގެ އެކި ބިތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ދެވަނަ ވައިޑް-ބޮޑީ އެއަރކްރާފްޓެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އައިލެންޑް އޭވިއޭޝަނުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ފަހުކޮޅު މި ބޯޓު ރާއްޖެއަށް ގެނެސް، ގައުމީ އެއާލައިންގެ ފްލީޓް އިތުރަށް ވަރުގަދަކުރުމަށެވެ.
މި ބަދަލުތަކާއެކު، މޯލްޑިވިއަން ވެގެންދާނީ ހަމައެކަނި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ބައިވެރިއަކަށް ނޫނެވެ. އެއީ ބައިނަލްއަޤްވާމީ މާކެޓްތަކުން ސީދާ ރާއްޖެއަށް ފަތުރުވެރިން ގެނެސްދޭ، އިގްތިސާދީ ބޮޑު ބާރަކަށެވެ.