އަންނަ އަހަރުން ފެށިގެން ޢީދު ފާހަގަކުރަން އިސްލާމިކް މިނިސްޓްރީން ޕްލޭނެއް އެކުލަވާލަނީ

Screenshot 2026-06-04 at 15.27.56

އާ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް، ދެ ޢީދު ފާހަގަކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވައިލަން ފަށާފައިވާ ކަމަށް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ހާމަކުރެއްވި ގޮތުގައި، ފިޠުރު ޢީދާއި އަޟްޙާ ޢީދުގެ ހަރަކާތްތައް ރޭވުމަށް މިނިސްޓްރީގެ ޚާއްސަ ކޮމިޓީއަކުން އެކުލަވާލާ މި ޕްލޭންގެ އެންމެ ބޮޑު ބޭނުމަކީ، ޢީދުގެ އުފާފާޅުކުރުންތައް އިސްލާމީ ހަމަތަކާއި ދިވެހިންގެ ރީތި ސަގާފަތުގެ ތެރޭގައި ހިފެހެއްޓުމެވެ.

މި މަސައްކަތް ހަރުދަނާކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާ މަޝްވަރާކޮށް، ރަށްރަށުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް އަމަލީގޮތުން ބައިވެރިކުރަން ވަނީ ނިންމާފައެވެ. އަދި ވަކިން ޚާއްސަކޮށް ސިޓީތަކަށް އަމާޒުކޮށްގެން މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާއިރު، މިކަމުގައި އާޓްސް މިނިސްޓްރީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ހަރަކާތްތެރިވާނެއެވެ.

މި އައު ބަދަލަކީ ޢީދު ފާހަގަކުރުމުގެ ތެރެއަށް ވަންނަމުންދާ ބީރައްޓެހި އާދަތަކާ މެދު ދައުލަތުގެ މަތީ ފަންތިން އުފެދިފައިވާ ކަންބޮޑުވުންތަކަށް ދެވޭ ހައްލެކެވެ. މިދިޔަ އަޟްޙާ ޢީދުގެ ދުވަސްވަރު ވެސް މިނިސްޓަރު ޝަހީމް ވަނީ، ޢީދުގެ އުފާ ފާޅުކުރަންވާނީ އިސްލާމީ ސަގާފަތާއި، ރިވެތި އަޚުލާގާއި، އަދި ދީނީ އުސޫލުތަކަށް ރައްކާތެރިވެތިބެގެންކަން ހަނދާންކޮށްދެއްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޢީދުގެ އެކިއެކި ކުޅިވަރުތަކާއި އުފާފާޅުކުރުންތަކުގައި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް މީގެ ކުރިން ބާރުއަޅުއްވާފައެވެ. ޢީދު ދުވަސްތަކަކީ މުސްލިމުން ކައިބޮއި، އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް މުގައްދަސް ދުވަސްތަކެއް ނަމަވެސް، މި ހުރިހާ ކަމެއްވެސް ބައްޓަންވާން ޖެހޭނީ ދީނީ އިމުގެ ތެރޭގައިކަން މި އަހަރުގެ އަޟްޙާ ޢީދުގެ ޚުތުބާގައި ވެސް ވަނީ ޚާއްސަ ސަމާލުކަމަކަށް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ