ތ. ދިޔަމިގިލީ ސްކޫލްގެ އާ އިމާރާތް ބިނާކުރުމަށްޓަކައި ދިވެހި ސިފައިން ކުރަމުންދާ މަސައްކަތްތައް، ދިފާއީ އަދި ވަތަނީ ހިދުމަތްތަކާ ބެހޭ ވަޒީރު ހަސަން ރަޝީދު ބައްލަވާލައްވައިފިއެވެ.
އިއްޔެ އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު ވަނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލުކުރައްވައި، މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި އެމްއެންޑީއެފްގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރުންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން މިހާރު ވަނީ އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމާލާފައެވެ. ދެ ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގައި 10 ކްލާސްރޫމް ހިމެނެއެވެ. މިހާރު ކުރިއަށްދަނީ ފުރާޅުގެ އޮނިގަނޑު ތައްޔާރުކުރުމާއި، ފާރުތަކުގައި ސިމެންތި ޖެހުމުގެ އިތުރުން ފާހާނާތަކުގެ ފިނިޝިން މަސައްކަތްތަކެވެ.
ދިފާއީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ސިފައިން މި މަސައްކަތާ ހަވާލުވިއިރު އިމާރާތުގެ ބައެއް ތަނބުތަކަށް ގެއްލުން ލިބިފައި ހުރުމުން، އެ ތަންތަން މަރާމާތުކޮށް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތް ސިފައިންނާ ހަވާލުކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު މަސައްކަތުގެ ނިމިފައިވަނީ އެންމެ 30 އިންސައްތައެވެ.
މުޅި މަޝްރޫއު 90 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު، މި މަސައްކަތުގައި ދިޔަމިގިލީ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ސިފައިން ފާހަގަކުރެއެވެ. މި އިމާރާތް ނިމުމުން އެ ރަށުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.