ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް، އޭގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާނެ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ޑޮލަރުގެ ތާށިކަން ކުރިމަތިވުމާ ގުޅިގެން، ބޭންކުން ވަނީ ރާއްޖޭން ބޭރުގެ އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކޮށް، މުޅި ރާއްޖެއަށް ލިމިޓެއް ކަނޑައަޅައިފައެވެ. މި ފިޔަވަޅާއެކު، އާންމުން ދައްކާ އެކި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ފީތައް ނުދެއްކިގެން ކަސްޓަމަރުންގެ ޝަކުވާތަކެއް ފެންމަތިވުމުން، ބޭންކުން ވަނީ އެކަން ސާފުކޮށްދީފައެވެ.
ބީއެމްއެލްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އާންމުކޮށް ބޭނުންކުރާ ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގެ ތެރެއަކު ނުހިމެނެއެވެ. އަދި ބައެއް ކަސްޓަމަރުންގެ ޕޭމަންޓުތައް ޚިދުމަތްދޭ ސައިޓުތަކުން ޑިކްލައިންކުރާކަން ފާހަގަކުރެވިފައި ވަނީ ބޭންކުން ބަންދުކޮށްގެން ނޫން ކަމަށާއި، އެއީ އެކި ސަބަބުތަކާ ހުރެ ދިމާވާ މައްސަލައެއް ކަމަށް ބޭންކުން ބުނެއެވެ.
މިފަދަ މައްސަލަތައް ބޭންކުން ވަރަށް ގާތުން ބަލަމުންދާއިރު، އެއްވެސް ކަސްޓަމަރެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ، އެކަން ހައްލުކުރުމަށް ބޭންކަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ވަގުތީ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާއި ބޭންކާ ގުޅިގެން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި ހަފުތާގެ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ބޭންކުގެ މި ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑުތަނުން ލުޔެއް ދޭނެ ކަމުގެ އުއްމީދީ އިޝާރާތެއް ބީއެމްއެލްއިން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.
މި ބަދަލާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކަސްޓަމަރުން ބޭރުގެ މުއާމަލާތްތައް ކުރުމުގައި ހުރި ހުރަސްތައް ނެތިގޮސް، ބޭންކިން ޚިދުމަތްތައް ފަސޭހަވެގެންދާނެއެވެ.