ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި މި އިންތިޚާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ކުރިން ހުންނެވި ޕީއެންސީގެ މެންބަރު އަހުމަދު ސިނާންގެ މެންބަރުކަން ގެއްލުމާ ގުޅިގެންނެވެ. ސިނާންގެ މެންބަރުކަން ގެއްލުނީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ހާމަވެ، އޭނާގެ މެންބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް އިއުލާން ކޮށްފައި ނުވި ނަމަވެސް، ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ސޯބެ ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވައިފައެވެ. އެގޮތުން އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ފޮއްޓެއް ފިޔަވައި އެހެން ހުރިހާ ފޮށިތަކަކުން ކުރި ހޯއްދަވައިގެން ސޯބެ ވަނީ މި ގޮނޑި ކަށަވަރު ކުރައްވައިފައެވެ.
މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،121 މީހަކަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނެވެ.