ރާއްޖޭގެ ކްރެޑިޓް ރޭޓިން ކުރިއަށް އޮތްތަނުގައި ރަނގަޅުވަމުންދާނެ ކަމަށް ސަރުކާތުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
"ޕްރެސާ ވިތް ދަ ސްޕޮކްސް" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ފިޗުން ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ -" އަށް މަތިކޮށްފައި ވަނީ ގިނަ ގޮންޖެހުންތަކަކާއެކު ސަރުކާރުން އަޅަންފެށި ހަރުދަނާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މި ފެށުނު ކުރިއެރުމަކީ ހަމައެކަނި ފެށުމެއް ކަމަށާއި، ސަރުކާރުގެ ވިސްނުން ހުރީ މިއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދައި، ރޭޓިންއަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ތާރީޚަށް ބަލާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އާމްދަނީއަށް ކުރި އަސަރާއެކު، 2021 ވަނަ އަހަރު "ބީ" ރޭޓިންގއެއްގައި އޮތް ރާއްޖޭގެ ދަރަޖަ ދަށްވާން ފެށިއެވެ. އޭގެފަހުން ދަރަނި ބޮޑުވުމާއި، އެ ދަރަނިތައް އަދާކުރުމަށް ކަނޑައަޅާފައި ހުރި މުއްދަތުތައް ފުށުއަރާގޮތަށް ހުރުމުގެ ސަބަބުން، ވޭތުވެދިޔަ ދުވަސްތަކުގައި ފިޗުން ދިޔައީ ތަކުރާރުކޮށް ރާއްޖޭގެ ރޭޓިންގ ދަށްކުރަމުންނެވެ.
ޝަރީފް ވިދާޅުވީ، މި މިސްރާބު ބަދަލުވެ، މިދިޔަ އަހަރު ރޭޓިންގ އެއް ފެންވަރެއްގައި ހިފެހެއްޓުމަށްފަހު މިއަހަރު ކުރިއެރުމެއް މިލިބުނީ، ދަރަނި މެނޭޖްކުރުމަށް މިހާރުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދިނުމުން ކަމަށެވެ.
ތަރުޖަމާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ފިޗްގެ ރިޕޯޓަކީ ސަރުކާރުގެ މާލީ ސިޔާސަތުތައް މުރާޖަޢާކުރާ މުހިންމު ލާންސެޓެކެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އިޞްލާޙީ ފިޔަވަޅުތައް އަމަލީގޮތުން ތަންފީޛުނުކޮށްފިނަމަ އަނެއްކާވެސް ރޭޓިން ދަށްވުމުގެ ބިރު އޮންނާނެއެވެ. އެހެންކަމުން، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓައި، ޤައުމުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި، ފިޗުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މާލީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރިއަށްގެންދާނެއެވެ.