ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

DSC_4682

ރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އިތުބާރު ކުރެވޭ ތަކެތިކަން ކަށަވަރުކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެކެވެ. ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ވަކި މުއައްސަސާއެއްގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައު ގުޅިގެން، ދިރާސީ މައުލޫމާތާއި ހަރުދަނާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކުރަންޖެހޭ ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުފައްދާ ފަރާތްތަކާއި، އެތެރެކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި މަގްސަދު ހާސިލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގަވާއިދުތަކުގެ ސަބަބުން ކާބޯތަކެތި އުފެއްދުމާއި، ގުދަންކުރުމާއި، އަދި ވިއްކުމުގެ މަރުހަލާތަކުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. ހާއްސަކޮށް ރާއްޖެއަކީ ގިނަ އަދަދަކަށް ކާބޯތަކެތި އިމްޕޯޓްކުރާ ގައުމަކަށް ވުމާއެކު، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޮލިޓީ ކޮންޓްރޯލްކުރުން ހަރުދަނާކުރުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން ނުވަތަ ލެބޯޓްރީ ތަހުލީލުތައް ކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ހަނދާން އާކުރެއްވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ފަލަސްތީނުގެ ޣައްޒާ ފަދަ ސަރަހައްދުތަކުގައި ރައްކާތެރި ކާބޯތަކެއްޗާއި ސާފު ބޯފެނުން މަހުރޫމްވެ، ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން ޖެހިފައިވާ އިންސާނީ ކާރިސީ ހާލަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ހަރުދަނާ މިންގަނޑުތަކަކާއެކު އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ރާއްޖެއާއި މުޅި ދުނިޔޭގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި އަދި އުންމީދީ މުސްތަގުބަލެއް ކަށަވަރުކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ސަރުކާރުގެ އަމާޒަކީ ކާބޯތަކެތީގެ ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް، ސިއްހީ ގޮތުން ރައްކާތެރި ނިޒާމަކަށް ހެދުމެވެ. މި މަސައްކަތުގައި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ