އާރުޓީއައި ގާނޫނުގެ ދަށުން އާންމުކުރަންޖެހޭ މައުލޫމާތުތައް އާންމުކޮށްފި

Screenshot 2026-06-07 at 21.05.24

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތުތައް ދައުލަތުގެ ހުރިހާ ވުޒާރާއަކުން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

މިއީ 2014 ވަނަ އަހަރު މި ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން އެއްފަހަރާ މި ބާވަތުގެ މަޢުލޫމާތު ފުރިހަމައަށް ހާމަކުރި ފުރަތަމަ ތާރީޚީ ފަހަރެވެ.

ގާނޫނު ތަންފީޒުކުރަން ފެށިތާ 10 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް، މީގެ ކުރިން ވުޒާރާތަކުން ޝާއިއުކޮށްފައި ވަނީ ގާނޫނު ލާޒިމުކުރާ މައުލޫމާތުގެ އެންމެ 34 އިންސައްތައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު ފެށި މަސައްކަތުން، މިހާރު ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ 16 ވުޒާރާއަކުން ވަނީ 100 އިންސައްތަ މަޢުލޫމާތު ހާމަކޮށްފައެވެ. މިކަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ، ސަރުކާރުން ނެގި މި ހަރުދަނާ ފިޔަވަޅަކީ ދެފުށް ފެންނަ ނިޒާމަކަށް އެޅުނު މުހިންމު ފެށުމެއް ކަމަށެވެ. އަދި މި ބަދަލާއެކު ދެން އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު 13 ބާވަތެއްގެ މަޢުލޫމާތު ޝާއިއުކުރަންޖެހެއެވެ. އެގޮތުން އާންމުކުރަން ޖެހޭ މައިގަނޑު މަޢުލޫމާތުތައް:

  • އިދާރާގެ މަސައްކަތްތަކާއި، ވާޖިބުތަކާއި، ދޭ ޚިދުމަތްތަކުގެ ތަފްސީލް.
  • މުއައްސަސާގެ ވެރިންގެ މަޢުލޫމާތާއި، ނިންމުންތައް ނިންމުމުގައި ގެންގުޅޭ މަރުހަލާތައް.
  • ރައްޔިތުންނަށް އަސަރު ފޯރާފަދަ ނިންމުންތަކުގެ ތަފްސީލާއި، ޝަކުވާ ހުށަހެޅޭނެ ނިޒާމުތައް.

މި މަޢުލޫމާތުތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތަށް އިންޓަނެޓްގައާއި އެހެނިހެން ވަސީލަތްތަކުގައި ޝާއިއުކުރުމަކީ، ރައްޔިތުންގެ އިތުބާރު ދައުލަތަށް ހޯދުމަށާއި ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިކުރުމަށް ގާނޫނުން ބާރުއަޅާ އެންމެ މުހިންމު ސިޔާސަތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ