ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވި ދަނޑުވެރިކަމާ ބެހޭ މަތީ ފަންތީގެ މިނިސްޓީރިއަލް ޕެނަލްއެއްގައި، ދިވެހިރާއްޖޭގެ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންފިއެވެ.
"ރިޑިއުސިންގ ޕޯސްޓް-ހާވެސްޓް ލޮސަސް – އެންހާންސިންގ އެފިޝަންސީ އިން ދަ ފުޑް ސަޕްލައި ޗެއިން" މި މައުޟޫއަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ކާބޯތަކެތި އުފައްދުމަށްފަހު ބޭކާރުވާ މިންވަރު މަދުކުރުމާއި، ސަޕްލައި ޗެއިންގެ ހަރުދަނާކަން އިތުރުކުރުމާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ވަޒީރުންނާއި މަންދޫބުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި އުފައްދާ ތަކެތި ބޭކާރުވާ މިންވަރު މަދުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ވެލިއު ޗެއިންގެ ހަރުދަނާކަން އިތުރުކުރުމަށާއި، ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު މިނިސްޓަރު ހިއްސާކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަކީ ތިމާވެއްޓާ ރައްޓެހި އަދި އިގްތިސާދީ ގޮތުން ފައިދާހުރި ސިޔާސަތުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ގޮންޖެހުންތަކުގެ މައްޗަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަރަށް ތަފްސީލީ ގޮތެއްގައި ބަހުސްކުރެއްވިއެވެ. މީގެ ތެރޭގައި ރަށްތައް ބެހިފައިވާ ގޮތުން ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އިގްތިސާދީ ގޮތުން ކުދި މާކެޓްތަކަކަށް ވުމުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކާއި، ލޮޖިސްޓިކްސްގެ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކަކީ މިފަދަ ގައުމުތަކަށް އޮތް ބޮޑު ނުރައްކަލެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، އެ ގައުމެއްގެ ހާލަތާ ގުޅޭ އީޖާދީ އަދި ޒަމާނީ ހައްލުތަކެއް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
ކާބޯތަކެތި ބޭކާރުވާ މިންވަރު މަދުކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، މިނިސްޓަރު ޝިޔާމް ވަނީ އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށް ބާރުއަޅުއްވާފައެވެ. މިގޮތުން ސަރުކާރާއި، އަމިއްލަ ދާއިރާއާއި، ދިރާސާކުރާ އިދާރާތަކާއި، ތައުލީމީ މަރުކަޒުތަކުގެ އިތުރުން، ދަނޑުވެރިންނާއި މަސްވެރިންގެ މެދުގައި ދެމެހެއްޓެނިވި ގުޅުމެއް އޮތުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ އެއްބާރުލުމެއްގެ ސަބަބުން، އިގްތިސާދީ ކުރިއެރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެ، އިސްރާފު ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކޮށް، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަން މިނިސްޓަރު ޝިޔާމް ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ދުނިޔޭގެ ފެންވަރުގައި ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.