ސަރުކާރުން ހުރިހާ އާރްޓީއައިއަކަށް ޖަވާބު ދީފި، ރައީސް ވިދާޅުވީ މައުލޫމާތު ހާމަކުރުމަކީ ޑިމޮކްރަސީގެ ބިންގާ ކަމަށް

ޕީއެސްއެމްގެ ޕްރޮގްރާމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕީއެސްއެމް
ޕީއެސްއެމްގެ ޕްރޮގްރާމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން ހުރިހާ އާރްޓީއައި އަކަށް ޖަވާބު ދީފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، މިއީ ރައީސް އޮފީހާއި ހުރިހާ ވުޒާރާތަކަކުން 100 ޕަސަންޓު އާރްޓީއައިތަކަށް ޖަވާބު ދިން ފުރަތަމަ ފަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން އާންމުންނަށް ލިބެން ނެތް އެތައް މައުލޫމާތެއް މިހާރު ހާމަކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިގަތުމުގެ އަސާސީ ހައްގަކީ ރައްޔިތުންގެ އިތުބާރާއި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ އެންމެ މުހިންމު އެއް ބިންގާ ކަމަށެވެ. އަދި މިއީ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުން ކުރިއެރުވުމަށާއި ރައްޔިތުންނަށް މައުލޫމާތު ލިބޭނެ މަގުތައް ހަރުދަނާކުރުމުގެ އިތުރުން، ޖަވާބުދާރީވުން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިމަގުގެ ޖަވާބުދާރީވަނިވި ސަރުކާރެއް ބިނާކުރުމަށް ކުރަމުންދާ ދަތުރުގައި މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ މުއައްސަސާތަކަށާއި ދައުލަތުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ