ފިޗް ރޭޓިންގްސްއިން ފުރަތަމަ ފަހަރަށް ބީއެމްއެލްގެ ކްރެޑިޓް ރޭޓިން ކަނޑައަޅައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތް. ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތް. ފޮޓޯ: ބީއެމްއެލް

ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ދުޅަހެޔޮކަން ވަޒަންކުރުމަށްފަހު، ދުނިޔޭގެ މަގުބޫލު ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންގްސްއިން އެ ބޭންކަށް ފުރަތަމަ ފަހަރަށް ރޭޓިންތަކެއް ކަނޑައަޅައިފިއެވެ.

ފިޗްއިން ބީއެމްއެލްއަށް ދީފައިވަނީ ތަފާތު ތިން ރޭޓިންއެކެވެ. އެގޮތުން ދިގުރާސްތާގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ވަޒަންކޮށް "ސީސީސީ-" ރޭޓިން ދީފައިވާއިރު، ދިވެހި ރުފިޔާގެ ދަރަނި އަދާކުރުމުގެ ގާބިލުކަމަށް ދީފައިވަނީ "ސީސީސީ+" ރޭޓިންއެވެ. މީގެ އިތުރުން ކުރުރާސްތާގެ ދަރަނި އަދާކުރުމުގެ ގާބިލުކަމަށް "ސީ" ރޭޓިންއެއް ވަނީ ކަނޑައަޅާފައެވެ. ބޭންކުގެ ރޭޓިން މި މިންވަރުގައި ހުރި މައިގަނޑު ސަބަބަކީ ރާއްޖޭގެ ސިޔާދަތީ (ސޮވެރިން) ރޭޓިންވެސް "ސީސީސީ-" ގައި ހުރުމެވެ.

ބޭންކުގެ ހަރުދަނާ ކަންކަމުގެ ގޮތުގައި ފިޗްއިން ފާހަގަކޮށްފައިވަނީ ރާއްޖޭގެ މާލީ ބާޒާރުގައި ބީއެމްއެލްގެ އޮތް ބޮޑު ބާރުވެރިކަމާއި، ރައުސުލްމާލު އުފެއްދުމުގެ ގާބިލުކަމެވެ. ނަމަވެސް، ރާއްޖޭގައި ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާއި، އިގުތިސާދު ސިންދަފާތުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އެ އެޖެންސީން ފާހަގަކުރިއެވެ. އަދި 2025 ވަނަ އަހަރު ނިމުނުއިރު ބޭންކުގެ އިމްޕެއާޑް-ލޯން ރޭޝިއޯ 7.8 އިންސައްތައަށް މަތިވެފައިވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި ރޭޝިއޯ މަތިވުމުގެ އެއް ސަބަބަކީ އެސްއެމްއީ ޑިވެލޮޕްމެންޓު ބޭންކު ބީއެމްއެލްގެ ދަށަށް ގެންދިއުމެވެ.

ފިޗްގެ ރިޕޯޓުގައިވާ ގޮތުން، ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނުތަކުގެ ނިސްބަތް 2025 ވަނަ އަހަރު 22.8 އިންސައްތައަށް އިތުރުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުތަކެވެ. ކުރިމަގުގައި ދައުލަތުގެ ކްރެޑިޓް ރޭޓިން ރަނގަޅުވެއްޖެނަމަ، ބޭންކުގެ ރޭޓިންތަކަށްވެސް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް އެ އެޖެންސީން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ