ރާއްޖޭން މިލްކުވެރިކަމަށް ދައުވާކުރާ ޗާގޯސް (ފޯޅަވަހި) ޖަޒީރާތައް މޮރިޝަސްގެ އަތުން ސީދާ ބަދަލެއްގެ ގޮތުގައި ގަތުމުގެ ޚާއްޞަ ޕްލޭނެއް އެމެރިކާގެ ވައިޓް ހައުސްއިން ރާވަމުންދާ ކަމަށް ރޮއިޓާޒްއިން ރިޕޯޓުކޮށްފިއެވެ.
ޓެލެގްރާފް ނޫހާ ހަވާލާދީ ރޮއިޓާޒްއިން ބުނިގޮތުގައި، އެމެރިކާގެ އޮފިޝަލުން މިހާރު މަސައްކަތް ކުރަމުންދަނީ މި މައްސަލައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވައްދައި، ސީދާ މޮރިޝަސް ސަރުކާރާއެކު މުާމަލާތެއް ހިންގައިގެން ޑިއޭގޯ ގާސިއާގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށެވެ. މިއީ ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސި ބޮޑުވަޒީރު ކައިރް ސްޓާމާ ނިންމެވި ނިންމެވުން ބަދަލުކުރުމަށްޓަކައި ވައިޓް ހައުސްއިން ވިސްނަމުންދާ ސްޓްރެޓެޖީއެކެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިނގިރޭސިވިލާތުން އެ ރަށްތައް ދޫކޮށްލައިގެން ނުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަބަދުވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ޚާއްޞަކޮށް އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ބޭނުންކުރާ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު މޮރިޝަސްގެ ދަށަށް ދިއުމަކީ ހެދޭ "ބޮޑު ގޯހެއް" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އިންޑިއާ ކަނޑުގެ މެދުގައި އޮންނަ މި ޖަޒީރާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކޮންމެހެން ބޭނުންތެރި، ބާރުގަދަ އަސްކަރީ މަރުކަޒެކެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން އެމެރިކާއިން ދަނީ މި މަރުކަޒުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އިނގިރޭސިވިލާތާއެކުވެސް މަޝްވަރާތައް ބާއްވަމުންނެވެ. އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، ޑިއޭގޯ ގާސިއާގެ މަރުކަޒަށް އޮތް ބާރު ކެނޑިގެންދާ ފަދަ ހާލަތެއް މެދުވެރިވެފައިވާތީ، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެމެރިކާގެ "ދުޝްމަނުންނަށް" މިފަދަ ސްޓްރެޓީޖިކް ސަރަހައްދެއްގެ ކޮންޓްރޯލް ލިބުނަނުދިނުމަކީ އިނގިރޭސިވިލާތުގެ ވެސް ބޮޑު އަމާޒެކެވެ.
ވޭތުވެދިޔަ 60 އަހަރު ދުވަހު ދުނިޔޭގެ ސަލާމަތީ ކަންކަމުގައި ބޭނުންކުރި ޑިއޭގޯ ގާސިއާގެ މުސްތަޤްބަލާ މެދު މިހާރު މިވަނީ ބައިނަލްއަޤްވާމީ ބޮޑު ދެބަސްވުމެއް އުފެދިފައެވެ.