މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި، އެކަމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ އުމުރުން 51 އަހަރުގެ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ ޒަފަރު އަޙްމަދުއެވެ.
މި މައްސަލައަކީ ފާއިތުވި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ރާއްޖެއަށް އައި ބޯޓަކުން އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަތުލައިގަތް މައްސަލައެކެވެ. އެ އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދެ ދިވެހިންނެވެ. އެއީ މ. މުލައް، މަދާރުގެ، ހަސަން މަފާޒާއި، ހ. ފިލްމީސައިޓް، ވިޝާމް މުހައްމަދެވެ. މި ދެ މީހުންނަކީ އެތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނެވެ.
މި މައްސަލާގައި ހިމެނޭ މަސްތުވާތަކެއްޗާއި ދެ މީހުން ހައްޔަރުކުރިތާ ހަތަރު މަސް ފާއިތުވި ފަހުން ހައްޔަރުކުރި ޕާކިސްތާނު މީހާއަކީ ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ މަތީ މަގާމެއް ފުރަމުންދާ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މުޅި މުއާމަލާތުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ އޭނާއެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ 15 ދުވަހަށް ބަންދުކުރަން ނިންމީ، ގާނޫނީ ވަކީލަކާ ބައްދަލުވެފައިނުވާ ކަމަށް އޭނާ ބުނުމާ ގުޅިގެންނެވެ. މި މައްސަލައިގެ އިތުރު ތަހުގީގުތައް ފުލުހުން ދަނީ ހިންގަމުންނެވެ.