ވީއައިއޭގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ހާއްސަ 'ކާމް ރޫމް' އެއް ހުޅުވައިފި

ވީއައިއޭގައި "ކާމް ރޫމް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގައި "ކާމް ރޫމް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް (ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން) ހުންނަ ފަސިންޖަރުންނަށް ހާއްސަކޮށްގެން ތައްޔާރުކުރި 'ކާމް ރޫމް' ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވީއައިއޭގެ ޓާމިނަލް 1 ގައި ގާއިމުކުރި ތަނެކެވެ.

އެއަރޕޯޓުގެ ޓާމިނަލް 1 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާ މާހައުލަކަށް ހެދުމުގެ މުހިންމު އަމާޒަށް ވާސިލްވުމަށް އެމް.އޭ.ސީ.އެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

"ބޮލި" ޕްރޮގްރާމްގެ ނަމުގައި ތައާރަފުކުރި މި ޚިދުމަތަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އެއަރޕޯޓުތަކުގައިވެސް މިފަދަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި ކާމް ރޫމް ފަރުމާކޮށްފައިވަނީ އެއަރޕޯޓުގެ މާހައުލުގެ ސަބަބުން ފަސިންޖަރުންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ފަދަ ސެންސަރީ ވަސީލަތްތަކާއެކުގައެވެ.

މި ކާމް ރޫމްގައި ތަފާތު ސެންސަރީ އައިޓަމްތަކާއި ހަރަކާތްތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ފަސިންޖަރާއެކު ދަތުރުކުރާ ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގަވެސް މިތަނުގައި ހުންނާނެއެވެ. މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލެންޔާޑަކާއި ކާޑެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ލެންޔާޑުގެ ސަބަބުން އެއަރޕޯޓުގެ މުވައްޒަފުންނަށް އެއީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ދެނެގަނެ، އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ