މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް، ގދ. ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ މިފްކޯގެ ސީއީއޯގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެ ކުންފުނީގެ ސެންޓަރުތަކުގެ ޙާލަތު ބެއްލެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ތިނަދޫއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ތިނަދޫގައި މިހާރު ގާއިމުކޮށްފައިވާ މިފްކޯގެ ވަސީލަތްތަކުގެ ޙާލަތު ސީއީއޯ ވަނީ ބައްލަވައިލައްވާފައެވެ.
ތިނަދޫގެ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ޚާއްޞަކޮށް މަސްކިރުވުމުގައާއި ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިފްކޯއިން ބުނި ގޮތުގައި، މަސްވެރިންނަށް ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، މަސްވެރިން އެދޭފަދަ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސީއީއޯ ވަނީ ޔަޤީންކަން ދެއްވާފައެވެ.
ވަކިވަކި މަސްވެރިން ފާހަގަކުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، އެ ކަންކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ކުންފުނީގެ ފަރާތުން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އަނަސް ވިދާޅުވިއެވެ. މީގެ އިތުރުން، މަސްވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ކުންފުނީގެ އޮޕަރޭޝަންތައް ބައްޓަންކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ސީއީއޯ ވަނީ ތިނަދޫގައި އަލަށް ތަރައްޤީކުރަމުންދާ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވައިލައްވާފައެވެ. މި މަޝްރޫޢަކީ ތިނަދޫގައި މަސް ގަނެ، ފިނިކޮށް، އަދި ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، މި ފެކްޓަރީގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، ހުވަދުއަތޮޅުގެ މަސްވެރިންނަށް، ޚާއްޞަކޮށް ގދ. އަތޮޅުގެ މަސްވެރިންނަށް މަސްކިރުވުމުގައި ކުރިމަތިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ އެ ސަރަޙައްދުގެ މަސްވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.
މިފްކޯގެ އަމާޒަކީ މަސްވެރިންނާ ގާތުން މަސައްކަތްކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި އަދި ފައިދާހުރި ސިނާޢަތަކަށް ހެދުމެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިފްކޯގެ ވަސީލަތްތައް ތަރައްޤީކޮށް، މަސްވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.