ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތަށް ސަފީރު ރައީސް އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައެވެ. އެގޮތުން ގައުމީ ދިފާއީ ބާރުގެ ބެރު ދުންމާރިއާއި ތާޅަފިލީގެ އަޑާއެކު، ހެވިކަމުގެ ލަޝްކަރާއެކު އެކަމަނާ ވަނީ ރައީސް އޮފީހަށް ހިންގަވާފައި ވަޑައިގެންފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ހާއްސަކޮށް، ރާއްޖޭގައި މަސައްކަތްކުރާ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފޯރުކޮށްދެމުންދާ މެހުމާންދާރީއާއި އެހީތެރިކަމަށްޓަކައި ސަފީރު ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، ދެ ގައުމުގެ މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ދެ ގައުމުންވެސް ތައްޔާރަށް އޮތްކަން މި ބައްދަލުވުމުގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ދިވެހިރާއްޖެއާއި ފިލިޕީންސާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 12 ޖުލައި 1974 ގައެވެ.